Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ޕީއެސްޖީގެ ތަރި އިކާޑީގެ ޗުއްޓީ ރާއްޖޭގައި

ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް މައުރޯ އިކާޑީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އިކާޑީ އަދި އޭނާގެ އަންހެނުން ވަންޑާ ނާރާ އާއި އެމީހުންގެ ކުދިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ދ. މާގައުގައި ތަރައްގީކޮށްފައިވާ ބަގްލިއޯނީ ރިސޯޓުގައެވެ.

އުމުރުން 26 އަހަރުގެ އިކާޑީ ވަނީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައެވެ.

ލޯނެއްގެ ދަށުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އިޓަލީގެ އިންޓަ މިލާނުން ޕީއެސްޖީ އަށް ބަދަލުވި އިކާޑީ އަންނަނީ އެޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އިކާޑީ ވަނީ ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 18 މެޗުގައި 14 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާއާއެކު ޕީއެސްޖީގެ ކުރީގައި ދެން ހަރަކާތްތެރިވަމުން އަންނަނީ ބްރެޒިލްގެ ތަރި ނޭމާ އާއި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ.

ޗުއްޓީ އަށް އިކާޑީ ރާއްޖެ އައިސްފައިވާއިރު ފްރެންޗު ލީގުގެ ކުޅުން ބްރޭކަށްފަހު އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.