Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

މުލިމަތި އިން ގޯދިއްޔާ ބަލިކޮށްފި

ހޯދިއްޔާ އާއި މުލިމަތި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އައްޑޫ ލައިވް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި މިއަދު ކުޅުނު މެޗު ގޯދިއްޔާ އާއި ބައްދަލުކޮށް 4-3 އިން މުލިމަތި ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ގޯދިއްޔާ އިންނެވެ. އެގޮތުން މެޗުގެ ހަަވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ އާދަމް ނަސީމެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި އަހުމަދު ސަބާހު ވަނީ މުލިމަތި އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ ފަހުން ކައިރިކައިރީގައި ދެ ގޯލު ކާމިޔާބުކޮށް މުލިމަތިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރަޔާން އާއި އަހުމަދު ފަރުހާދެވެ.

މެޗުގެ 19 ވަނަ މިނެޓްގައި އާދަމް ނަސީމް ގޯދިއްޔާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އާދަމް ސަބާހު ވަނީ އަލުން މުލިމަތި ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ގޯދިއްޔާ ޓީމުން ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޫސާ އަތޫންއެވެ.

މިއީ މި މުބާރަތުގައި މުލިމަތި ކުޅުނު ދެވަނަ މެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި އެޓީމު ވަނީ ބޭރުމަތި އެފްސީއާ ބައްދަލުކޮށް 4-1 އިން ބަލިވެފައެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބް ރިވެރިން އާއި ޒެފިޔާއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.