Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ބާންލީ ބަލިކޮށް ޔުނައިޓެޑް ލީގުގެ ފަސްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީގެ މައްޗަށް 2-0 އިން ކުރި ހޯދާ ލީގުގެ ފަސްވަނަ އަށް މެންޗެސްޓަރ ޔުނައިޓެޑް އަރައިފިއެވެ.

ލީގުގެ ފަސްވަނައިގައި ޔުނައިޓެޑް އޮތީ 31 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ބަލިވި ބާންލީ އޮތީ 24 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 44 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލްއެވެ. އަދި އެޓީމުގެ ފަހު ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ގޯލެވެ.

ބާންލީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ނުރައްކާތެރި އެންމެ ހަމަލާއެކެވެ. ނަމަވެސް ބާޑްސްލީ ފޮނުވާލި އެ ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. އެގޮތުން ލީގުގެ ހަތަރުވަނައިގައި އޮތް ޗެލްސީއާ ޔުނައިޓެޑާ ދެމެދު މިވަގުތު އިނީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

ޔުނައިޓެޑް ރޭ މޮޅުވިއިރު ޓޮޓެންހަމް އާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ 30 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.