ގދ. ފަރެސްމާތޮޑާގައި ހިނގާދިޔަ މާރާމާރީއަކާއި ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މާރާމާރީގައި 18 އަހަރާއި 20 އަހަރާއި ދެމެދު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ގދ. ތިނަދޫ ކޯޓުން އެ ތިން މީހުންގެ ބަންދު ހަތް ދުވަސް ޖަހާދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަނިޔާވި ތިން މީހުންނަށްވެސް ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށެވެ. މި މާރާމާރީ ހިނގާފައި ވަނީ މި މަހުގެ 25 އަދި 27ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މާރާމާރީތަކަކީ އެރަށުގައި ސިލްސިލާ ގޮތެއްގައި ހިނގަމުންދާ މާރާމާރީތަކެއް ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.