Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

މާފަރު އެއާޕޯޓު ބޮޑު ކުރުމަށް އީޕީއޭއިން ދެކޮޅު

މާފަރު އެއާޕޯޓު -- ފޮޓޯ . / މިހާރު

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް މާފަރުން ބިން ހިއްކުމުގެ ހުއްދަ ނުދިނުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އެންވާރުމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ލަފާދިނީ ނުވަ ސަބަބަކާއި ހެދިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ބިން ހިއްކައިފި ނަމަ މާފަރުގެ ފަޅުން ބޮޑު ސަރަހައްދެއް ގެއްލި ވަށައިގެންވާ ފަރަށް އޭގެ ނުބައި އަސަރު ކުރުމެވެ. އަދި މުސްތަގުބަލުގައި އެރަށް ބޮޑުކުރަން ޖެހިއްޖެ ނަމަ ބޭނުން ކުރަން އޮތް ސަރަހައްދު ވެސް ގެއްލިގެން ދިއުމަކީ އީޕީއޭ އިން ހުއްދަ ނުދިން ސަބަބެކެވެ.

މާފަރުން ބިން ހިއްކައިފި ނަމަ ލިބޭނެ އަނެއް ގެއްލުމަކީ، އީޕީއޭއިން ބުނި ގޮތުގައި، އެއީ ވެލާ ބިސް އަޅަން އަރާ މަޝްހޫރު ރަށަކަށް ވުމެވެ. ބިން ހިއްކަން ހުށަހަޅާފައި އޮތީ ދިގު މުއްދަތެއް ހޭދަވާނެ ގޮތެއް ކަމަށް ވާތީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އީޕީއޭއިން ބުނީ އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ. މާފަރު އެއާޕޯޓަށް އެ މަރުކާގެ ބޯޓް ޖައްސާނީ ކިހާ ގިނައިންތޯ ޔަގީންނުވާ ކަމަށްވެސް އީޕީއޭއިން މައުލޫމާތުދެއެވެ. އަދި އެ ކަމަކީ ދުރު ރާސްތާއަށް ބަލާއިރު ލަފާކުރަން ނޭނގޭ ކަމެއް ކަމަށްވެސް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭއިން ބުނީ މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުއަށް 22،000 ރުއްގަސް ކަނޑަންޖެހޭ ކަމަށެވެ. އެއާޕޯޓު މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދަކީ ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ކަމަށް ބަޔާންކޮށް އީޕީއޭއިން ބުނީ އެކަމަށްވެސް ގިނަ އަދަދެއްގެ ކަސް ކަނޑަން ޖެހޭނެތީ އެއީ ތިމާވެށީގެ ގޮތުން ބަލާއިރު ރަށުގެ ފެހިކަަމަށް އަދި ބިންގަނޑަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން ބޭނުންވާ ކަން އިއުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.