Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

މާފަރު އެއާޕޯޓު ބޮޑުކުރަން ލަފާ ނުދިނުމުން ފާޑުކިޔުންތައް އަމާޒުވަނީ

މާފަރު އެއާޕޯޓު -- ފޮޓޯ / ސަން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް މާފަރުން ބިން ހިއްކުމުގެ ހުއްދަ ނުދިނުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމުމާއި ގުޅިގެން އެކަމަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

އީޕީއޭގެ ނިންމުމާއި ގުޅިގެން ނ. މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ވިދާޅުވީ މާފަރު ފަޅުން ވެލިނެގުން ނުހުއްޓުވުނު ކަމަށާއި އަތޮޅުތެރެ ތަރައްގީ ވާތީ ތިމާވެށި ހަލާކުވާ ކަމަށް ބުނާ ކަމަށެވެ. އޭނާ ވިދާޅުވީ މާލެ ކައިރި ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ ކަމަށާއި ތަރައްގީ ކުރެވެނީ މާލެ ވަށައިގެން ކަމަށެވެ. އޭނާ ވަނީ އަތޮޅުތެރޭ ތަރައްގީއަށް ހުރަސް ނޭޅުމަށް ގޮވާލައިފައެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފަރު އެއާޕޯޓު ބޮޑުކުރުމަށް އީޕީއޭއިން ދެކޮޅު ހެދުމަކީ ގައުމީ އެއާލައިން މޯލްޑިވިއަން އަށާއި ނ. އަތޮޅުގެ ތަރައްގީ އަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އެންވާރުމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ލަފާދީ އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

މާފަރު އެއާޕޯޓަށް އެ މަރުކާގެ ބޯޓް ޖައްސާނީ ކިހާ ގިނައިންތޯ ޔަގީންނުވާ ކަމަށްވެސް އީޕީއޭއިން މައުލޫމާތުދެއެވެ. އަދި އެ ކަމަކީ ދުރު ރާސްތާއަށް ބަލާއިރު ލަފާކުރަން ނޭނގޭ ކަމެއް ކަމަށްވެސް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭއިން ބުނީ އެ ސަރަހައްދުން ބިން ހިއްކައިފި ނަމަ ރަށުގެ ފަޅުން ތާ އަބަދަށް ބޮޑު ބަޔެއް ގެއްލިގެން ދާނެ ކަމަށާއި އަދި އެއީ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް އެއްކޮށް ނެތިދާނެ ކަމެއް ކަމަށެވެ. މާފަރު ރައްޔިތުން އަންނަނީ  އެއާޕޯޓު ހެދުމަށް އެރަށުން ނަގާފައިވާ ބިމުގެ ބަދަލުގައި ރަށުގެ ފަޅުން ބައެއް ހިއްކުމަށް އެދެމުންނެވެ. އެހެންނަމަވެސް އީޕީއޭއިން ބުނީ ފަޅުން ބޮޑުބަޔެއް ހިއްކުމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށެވެ.

މާފަރުގެ އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ފަހު އީޕީއޭއިން ބުނީ މާފަރުން ބިން ހިއްކަަން ހުއްދަ ނުދޭން ނިންމީ ނުވަ ސަބަބަކާ ހެދި ކަމަށެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ބިން ހިއްކައިފި ނަމަ މާފަރުގެ ފަޅުން ބޮޑު ސަރަހައްދެއް ގެއްލި ވަށައިގެންވާ ފަރަށް އޭގެ ނުބައި އަސަަރު ކުރުމެވެ. އަދި މުސްތަގުބަލުގައި އެރަށް ބޮޑުކުރަން ޖެހިއްޖެ ނަމަ ބޭނުން ކުރަން އޮތް ސަރަހައްދު ވެސް ގެއްލިގެން ދިއުމަކީ އީޕީއޭ އިން ހުއްދަ ނުދިން ސަބަބެކެވެ.

މާފަރުން ބިން ހިއްކައިފި ނަމަ ލިބޭނެ އަނެއް ގެއްލުމަކީ، އީޕީއޭއިން ބުނި ގޮތުގައި، އެއީ ވެލާ ބިސް އަޅަން އަރާ މަޝްހޫރު ރަށަކަށް ވުމެވެ. ބިން ހިއްކަން ހުށަހަޅާފައި އޮތީ ދިގު މުއްދަތެއް ހޭދަވާނެ ގޮތެއް ކަމަށް ވާތީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.