ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށިން އިންތިހާބު ކުރާނީ ސިޓީ ކައުންސިލެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އަދިވެސް އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިންމާފައެއް ނުވެއެވެ.
ޔާސިރު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިހާބު ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީ އަކީ ވައުދުވާ އަދި ވައުދު ފުއްދާ ޕާޓީއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޔާސިރު މިފަދައިން ވިދާޅުވެފައިވާއިރު އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ކުޅުދުއްފުށީ ރައްޔިތުންނަށް ފުއްދައިދީފައި ނުވާތީ އެކަން ސާފުކުރުމަށް ރައީސްގެ ތަރުޖަމާނަށް ގުޅާލުމުން ވިދާޅުވީ މީޑިއާތަކުން އެ ހަބަރުި ފެންނަ ކަމަށާއި މާދަމާގެ ވަގުތެއްގައި ރައީސްއާއި ބައްދަލުކޮށް އޭގެ މައުލޫމާތު ސާފުކޮށްދެއްވާނެ ކަމަށެވެ.