Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

"ރަށުން" މި ނަމުގައި އިމިގްރޭޝަނުން އާ ހިދުމަތެއް ތައާރަފްކޮށްފި

އިމިގްރޭޝަންގެ ހިދުމަތް ދޭ ކައުންޓަރުގައި މުވައްޒަފުންތަކެއް -- ފޮޓޯ / ސަން

މޯލްޑިވްސް އިމިގްރޭޝަނުން 'ރަށުން' މި ނަމުގައި މިއަދު އައު ހިދުމަތެއް ތައާރަފްކޮށްފިއެވެ.

މިއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް، ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އަލަށް ތައާރަފް ކުރެވިގެންދާ ހިދުމަތެކެވެ. އަދި މިހިދުމަތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އަތޮޅު އަދި ރަށު ކައުންސިލްތަކާއި ގުޅިގެންނެވެ. މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ތ. އަތޮޅުގައެވެ.

އިމިގްރޭޝަނުން ބުނީ ތ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ތ. ވޭމަންޑޫ ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަނަމަ، ރަސްމީ ބަންދުނޫން ގަޑިތައް ނުހިމެނޭ ގޮތަށް، 48 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނިމޭނެ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި ޕާސްޕޯޓު ނިމުމުން، އިމިގްރޭޝަންގެ އޮފީސްތައް ގާއިމްކޮށްފައިވާ ހުރިހާ ރަށަކުން ވެސް ޕާސްޕޯޓާއި ހަވާލުވެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއަދު މި ތަޢާރަފް ކުރި 'ރަށުން' ހިދުމަތް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި އަތޮޅު ތަކުގައި ފެށުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. އިމިގްރޭޝަންގެ މަގުސަދަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، އިމިގްރޭޝަނުން ދޭ ހިދުމަތްތައް ލާމަރުކަޒީކޮށް، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވީނަމަވެސް ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް ހަމަހަމަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމެވެ.