ޒަމާނީ ތަރައްގީއަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ޒުވާނުން ބިނާ ކުރުން ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
"އައްޑޫލައިވް"އަށް މެންބަރު ހުސައިން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގައުމު ބިނާކުރުމުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމަކީ ޒަމާނީ ތަރައްގީއަށް އޮތް އެންމެ ބޮޑު ފުރުސަތު ކަމަށެވެ. އޭނާ ވިދާޅުވީ ޒަމާނީ އިލްމީ ވިސްނުން ގައުމަށް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މެންބަރު ހުސައިން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޒުވާނުންނަށް ހާއްސަ އަހަމިއްޔަތު ކަމެއް ދީގެން ގައުމު ބިނާ ކުރުމުގައި ފަސް އަހަރުގެ ޒަމާނީ ތަރައްގީއެއް ގެނެސް ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ހުސައިން ވިދާޅުވިއެވެ. ހުސައިން ވިދާޅުވީ ޕީޕީއެމްއިން ޒުވާނުންނަށް ދައްކާނީ އުޖާލާ ކުރިމަގެއް ކަމަށެވެ. އެކަމަށް ޕީޕީއެމްއިން ފުރިހަމަ ޖާގަ އަބަދުވެސް އޮންނާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.
"ނަމަވެސް ޒުވާނުން އެމީހުންގެ އަޑު އުފުލުމުގައި ސިޔާސީ ގޮތުން ގޮންޖެހުންތަކެއް ހުރުމުން ޒުވާނުން ދަނީ ފަސް ޖެހެމުން. މިކަމަށް ހައްލެއް ޕީޕީއެމްގެ ސަރުކާރެއްގައި ހޯދައިދޭނަން،" މެންބަރު ހުސައިން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ދީފައިވާ ކަމަށާއި ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހި ކޮށްދީފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ފާހަގަކުރަމުންނެވެ. އަދި މި ސަރުކާރުގައި އެފަދަ ފުރުސަތުތައް ނެތް ކަމަށްބުނެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިދިކޮޅުން އަންނަނީ ފާޑުކިޔަމުންނެވެ.