އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި މިއަދު ކުޅުނު މެޗުގައި ޒެފިޔާގެ މައްޗަށް 5-1 އިން ކްލަބް ރިވެރިން އިން ކުރި ހޯދައިފިއެވެ.
ރިވެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހަސަން އަލްފާފްއެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ހަސަން އައިކް ވަނީ ރިވެރިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ރިވެރިންގެ ތިންވަނަ ގޯލު މުހައްމަދު ދާނިޝް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކުރީ މެޗުގެ ފަހު ފަސް މިނެޓްތެރޭގައެވެ. އެގޮތުން މި ދެ ގޯލު ރިވެރިން އަށް ކާމިޔާބުކޮށްދިނީ އަލްފާފް އަދި ރުޝާން އަހުމަދު ދީދީއެވެ.
މި މެޗުގައި ޒެފިޔާ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު އާލިފްއެވެ.
މިއީ މި މުބާރާތުގައި ރިވެރިން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި އެޓީމު ވަނީ ފޭދޫ ސްޕޯޓްސްއާ ބައްދަލުކޮށް 3-4 އިންނެވެ. މިއީ ޒެފިޔާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޯދިއްޔާ އާއި ބޭރުމަތި އެފްސީއެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.