Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ޗެލްސީން ފަހަތުން އަރައި އާސެނަލް ބަަލިކޮށްފި

ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އަތުން ފަހަތުން އަރައި ޗެލްސީ 2-1 އިން މޮޅުވެއްޖެއެވެ.

މި މޮޅާއެކު ޗެލްސީ އޮތީ 35 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. އާސެނަލް އޮތީ 24 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗަކީ އެޓީމުގެ ކޯޗުކަމާ މިކޭލް އާޓެޓާ ހަވާލުވިފަހުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އެގޮތުން މި މެޗު އާސެނަލް އިން ފެށީ ވަރުގަދަކޮށް ކަމަށްވާއިރު މެޗުގެ 13 ވަނަ މިނެޓްގައި އެޓީމުގެ ކެޕްޓަން އޮބަމަޔަންގް ވަނީ ލީޑު ނަގާދީފައެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ގޯލެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި އާސެނަލް އިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޗެލްސީން ކުޅުން ރަނގަޅު ކުރިއިރު އެޓީމުން ނަތީޖާ އެއްވަރުކުރީ މެޗުގެ 83 ވަނަ މިނެޓްގައެވެ. އެގޮތުން އާސެނަލްގެ ކީޕަރު ލެނޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.

އަދި ޗެލްސީން އުފެއްދި ކައުންޓަ އެޓޭކެއްގައި ވިލިއަން ދިން ޕާހަކުން މެޗުގެ 87 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މިއީ އަމިއްލަ ދަނޑުގައި ކުޅެ ޖެހިޖެހިގެން އާސެނަލް ބަލިވި ހަތަރުވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ. ޗެލްސީ ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.