ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއާ އެކުގައި ނުހައްގު އެއްވެސް ގުޅުމެއް ބާއްވާފައި ނުވާ ކަމަށް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު މިރޭ ވިދާޅުވީ ޗައިނާއާ އެކުގައި ޔާމީން ސަރުކާރުން ބޭއްވި "ކޮމާޝަލް" ގުޅުމެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަދި މިހާރުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އޭރު ރައީސް ޔާމީން ސަރުކާރާއި ޗައިނާއާ ގުޅޭ ގޮތުން ދައްކަމުން ގެންދިޔައީ ދޮގު ވާހަކަތަކެއް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޗައިނާއަށް ރާއްޖެއިން އެއްވެސް ރަށެއް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.
"އަޅުގަނޑު އެއްވެސް އިރެއްގައި ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ އެއްވެސް ގޯސް ކަމެއް ދިފާއުއެއް ނުކުރަން. އެއްވެސް ކަމެއް. އޭރު ވަޒީރުކަމުގައި ހުރިއިރުވެސް އަދި މިހާރުވެސް ނުކުރަން،" އުމަރު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އުމަރު ނަސީރު ވިދާޅުވީ މި ސަރުކާރަކީ ލާދީނީ ސަރުކާރެކޭ ބުނެވޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން ދީނާއި ގުޅުވައިގެން މި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި އެ ހުރިހާ ކަމެއްގެ އަޑީގައި ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑު ނުދަންނަވަން މުޅި އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބައެކޭ. އެކަމަކު އެމްޑީޕީގެ ތެރޭގައި ގިނައީ އެ ފިކުރުގެ މީހުން. މި ހުރިހާ ކަމެއްގެ ތެރޭގައި އަދި އަޑީގައި މި ހުންނަނީ ނަޝީދު. ނަޝީދު މި ދަނީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ދީނީ އިލްމުވެރިއަކަށް އެއްޗެހި ގޮވާ މިފަދަ ކަންކަން ކުރަމުން،" އުމަރު ވިދާޅުވިއެވެ.
މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށް ފާޑު ވިދާޅުވެ އުމަރު ނަސީރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ކުންފުނި ގަނޑެއްވެސް ހިންގާފައިވާ ބޭފުޅެއް ނޫން ކަމަށާއި މެނޭޖުމަންޓުގެ އެއްވެސް ގާބިލު ކަމެއް އެމަނިކުފާނުގެ ކިބައިގައި ނުހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވީ "ޔާމީނަށް ވޯޓު ނުދޭން" ކަމަށެވެ.
"ޔާމީނަށް ވޯޓު ނުދޭން ވެގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވީ. އެއްވެސް ވަރަކަށް އިބްރާހީމް މުހައްމަދު ސޯލިހު ކަމުގޮސް ގެނެއް ނޫން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މީހުން ޖަލަށްލީ ނަމަވެސް އެމަނިކުފާނު ސަރުކާރުގައި އިގްތިސޯދު އޮތީ ވަރަށް އެކްޓިވްކޮށް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަށް ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ އިގްތިސޯދު އޮތް މިންވަރާ ގާތަށްވެސް އިގްތިސޯދު ނުގެންދެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.