Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ވުލްވްސް ބަލިކޮށް ލިވަޕޫލުން ލީޑު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އުނދަގޫތަކަކަށްފަހު ވުލްސްގެ މައްޗަށް 1-0 އިން ލިވަޕޫލުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލިވަޕޫލް ލީގުގެ އެއްވަނައިގައި އޮތީ 55 ޕޮއިންޓާ އެކުއެވެ. ވުލްވްސް އޮތީ 30 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. ފުރަތަމަ ހާފް ފަހު ވަގުތުކޮޅުތެރޭ ޕެޑްރޯ ނެޓޯ ވުލްވްސް އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

ލިވަޕޫލްގެ ލީޑު ފުޅާކޮށްލަން މުހައްމަދު ސަލާހު އާއި ރޮބާޓޯ ފަމީނޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ނަތީޖާ އެއްވަރުކޮށްލަން ދެވަނަ ހާފްގައި ވުލްވްސްގެ ޑިއޭގޯ ޖޯޓާ އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ލިވަޕޫލްގެ ކީޕަރު ދިފާއުކުރިއިރު އަނެއް ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ލީގުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑާއެކު ލިވަޕޫލް އޮތްއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން ވަނީ 2-0 އިން ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގައި ސިޓީ އަށް ދެ ގޯލު ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯ އާއި ކެވިން ޑެ ބްރައިނާއެވެ. މި މޮޅާއެކު ސިޓީ އޮތީ 41 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.