ގްލޯބް ސޮކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެއެވެ.
ރޮނާލްޑޯ އަށް ގްލޯބް ސޮކާ އެވޯޑް ލިބުނީ ރޭ ދުބާއީގައި ބޭއްވި ހަފްލާއެއްގައެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑު ރޮނާލްޑޯ ހާސިލުކުރި ހަވަނަ ފަހަރެވެ.
މި އެވޯޑު ހާސިލުކުރުމަށްފަހު ރޮނާލްޑޯ ވަނީ މި އެވޯޑު ލިބުމުން އެކަމާ އުފާވާކަން ހާމަކޮށް އޭނާ އަށް ވޯޓުދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އަންނަ އަހަރު ވެސް މި އެވޯޑު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
އުމުރުން 34 އަހަރުގެ ރޮނާލްޑޯ އަށް މި އެވޯޑު ލިބުނުއިރު އޭނާ ވަނީ ޔުވެންޓަސް އަށް އިޓާލިއަން ލީގު އަދި ޕޯޗުގަލްގެ ގައުމީ ޓީމަށް ނޭޝަންސް ލީގު މިއަހަރު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވަނީ އަހަރުގެ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު ކްލަބު ވެސް ހޮވާފައެވެ. އެގޮތުން އެންމެ މޮޅު ކޯޗުގެ މަގާމު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަށް ލިބުނުއިރު އެންމެ މޮޅު ކްލަބުގެ މަގާމު ލިބުނީ ލިވަޕޫލަށެވެ.