މާލެ އާއި ގަމާ ދެމެދު މީގެ އަށް އަހަރު ކުރިން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިން އެއާ އީކްއޭޓާ މަތިން ބޯޓް ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި އެއްވެސް ބޭނުމެއް ނުހިފި އޮންނަތާ އަށް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މީގެ ސަބަބުން ގަމަށް ޖައްސާ ޖެޓްތަަކަށް ދޫކުރެވޭ ޖާގަައަށް ވެސް ހުރަސް އެޅެ އެވެ. އެ ބޯޓް އޮތް ސްލޮޓަކީ ހަގީގަތުގައި އިތުރު ޖެޓަކަށް ޖާގަ ދީގެން ފައިސާ ވެސް ލިބޭނެ ސޮލެޓެކެވެ.
ރާއްޖޭގެ ދެވަނަ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި އެ ބޯޓުގެ އެއްވެސް ބޭނުމެއް ނުހިފި ޕާކްކޮށްފައި އޮންނަން ޖެހުމުން އެއާޕޯޓަށާއި ކުންފުންޏަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ގަން އެއާޕޯޓް މިހާރު ހިންގަމުން އަންނަ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުންޏެވެ.
އޭއައިއޭގެ އޮފިޝަލަކު ވިދާޅުވީ އެއާ އީކްއޭޓާ އެއާޕޯޓުން ގެންދިއުމަށް މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި އެ ބޯޓުގެ ވެރިފަރާތް ކަމަށްވާ ސްރީ ލަންކާގެ ސްޕަ އޭވިއޭޝަންގެ ބޭފުޅަކު މީގެ އަހަރެއްހާ ކުރިން ގަމަށް ވަޑައިގެން ބޯޓް ބައްލަވާފައި ވަޑައިގަތް ފަހުން ވެސް އެ ކުންފުނީގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އޭއައިއޭގެ މެނެޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެއާ އީކްއޭޓަ ގަން އެއާޕޯޓުން ނެގުމަށް ސްޕަ އޭވިއޭޝަނާ އެކު މަަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެނގިވަޑައިގެންފައި އޮތް ގޮތުން އެ ބޯޓް ނެގުމަށް އެ ކުންފުނީގެ ގާނޫނީ ޓީމާ އެކު ސްޕަ އޭވިއޭޝަނުން ވާހަކަ ދައްކަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ަޭ
ަޭއޭނާ ވިދާޅުވީ އެ ކުންފުންޏަށް ބޯޓް ނުނެގޭ ނަމަ، އޭއައިއޭ އިން ބޯޓް ބާ ދަގަނޑުގެ ގޮތުގައި ނައްތައިލާނެ ކަމަށެވެ.
"އެ ބޯޓަކީ އަލުން އޮޕަރޭޝަނަކަށް ވެސް ބޭނުން ކުރެވޭ ފަދަ ހާލަތެއްގައި އޮތް ބޯޓެއް ނޫން،" ޝާހިދު ވިދާޅުވި އެވެ. "އެހެންވެ އޭތި ޖެހޭނީ ބާ ދަގަނޑުގެ ގޮތުގައި ނައްތާލަން. ސްޕަ އޭވިއޭޝަނަށް ބޯޓް ނުނެގޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ އެގޮތަށް އަމަލު ކުރަން."
ލަންކާގެ ސްޕަ އޭވިއޭޝަނާއި ރާއްޖޭގެ އެއާ އީކްއޭޓާ އިން ގަމާއި މާލެ އާ ދެމެދު ދަތުރުފަތުރުގެ ހިދުމަތް ދޭން ފެށީ އޮކްޓޯބަރު ،16 2004 ގަ އެވެ.
ފަންސާސް މީހުންގެ ޖާގައިގެ އެ މަތިންދާ ބޯޓަކީ ސްޕަ އޭވިއޭޝަނުން ކުއްޔަށް ގެނެސްގެން ދިން ހިދުމަތެކެވެ. އެހެން ނަމަވެސް ހިދުމަތް ދޭން ފެށިތާ ފަސް މަހެއްހާ ދުވަސްވީ ތަނާ ދެ ކުންފުނީގެ މެދުގައި މައްސަލަ އުފެދި، ސްޕަ އޭވިއޭޝަނުން ވަނީ އެ މައްސަލަ 2005 ވަނަ އަހަރުގެ ކުރީކޮޅު ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
އެގޮތުން ބޯޓްގެ ކުލި ދައްކަމުން ނުދާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ސްޕަ އޭވިއޭޝަނުން މަދަނީ ކޯޓަށް ހުށަހެޅުމާ ގުޅިގެން ސިވިލް އޭވިއޭޝަނުން ވަނީ މާޗް ،8 2005 ގައި އެއާ އީކްއޭޓާގެ ދަތުރުތައް މެދުކަނޑާލުމަށް އަންގައިފަ އެވެ. އަދި ބޯޓް ސްޕަ އޭވިއޭޝަނާ ހަވާލު ކުރުމަށް ފެބްރުއަރީ ،28 2005 ގައި އެއާ އީކްއޭޓާ އަށް ސްޕަ އޭވިއޭޝަނުން އެންގި އެވެ.
އެހެން ނަމަވެސް އެ ކުންފުނިން އެގޮތަށް އަމަލު ނުކުރުމުން ސްޕަ އޭވިއޭޝަނުން އެ މައްސަލަ މަދަނީ ކޯޓަށް ވެއްދުމުން އެޕްރީލް ،19 2005 ގައި ބޯޓް ސްޕަ އޭވިއޭޝަނާ ހަވާލު ކުރުމަށް އެއާ އީކްއޭޓާގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
އެއާ އީކްއޭޓާ އާއި ސްޕަ އޭވިއޭޝަނާ ޖެހުނު މައްސަލަތަކާ ގުޅިގެން ހިދުމަތް މެދުކެނޑުމަށް ފަހު އެ ކުންފުނިން ފަހުން ނެދަލެންޑްސްގެ އޮރެންޖް އެއާ ކްރާފްޓް ލީސީން ޕީވީ އާ އެކު އެއްބަސްވުމެއް ހަދައި އަލުން ގަމާއި މާލެ އާ ދެމެދު ދަތުރުތައް ފަށަން ވެސް މަސައްކަތްކޮށްފައިވެ އެވެ.
ގަމާއި މާލެ އާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރު ދެމުން އަންނަ މޯލްޑިވިއަން އާއި ފްލައި މީގެ އިތުރުން މީގެ ކުރިން އޯޝަން އެއާގެ ނަމުގައި ވެސް ވައިގެ ދަތުރުގެފަތުރުގެ ހިދުމަތް ދީފައިވެ އެވެ.
އެ ފަހަރު އޯޝަން އެއާ އާއި ބޯޓްގެ ވެރިފަރާތާ ދެމެދު ވެސް މައްސަލަތަކެއް އުފެދި ހިދުމަތް ޖެހުނީ ހުއްޓާލާށެވެ.