މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމް.އޭ.ސީ.އެލް)އަށް އާ ސީޕްލޭން ޓާމިނަލް ނުހިންގޭންވީ އެއްވެސް ސަބަބެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އައު ސީޕްލޭން ޓާމިނަލް ހިންގުން އެހެން ބަޔަކާ ހަވާލުކުރަން އުޅޭ ކަމަށްބުނެ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުން، އިންޑިއާގެ ޖީ.އެމް.އާރ ކުންފުނީގެ އަތުން ނެގުނީ، އެކަން ކުރުމުގެ ގާބިލުކަން އެމް.އޭ.ސީ.އެލްގައި ހުރުމުންކަމަށެވެ. އަދި ސީޕްލޭން ޓާމިނަލް ހިންގުމުގެ ފުރިހަމަ ގާބިލުކަން އެމް.އޭ.ސީ.އެލްގައި އެބަހުރިކަމަށާއި، އެކަން އެގޮތަށް ކުރާނެކަމާމެދު ޝައްކެއްނެތްކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮޕަރޭޓްކުރަން ހަވާލުކުރަންވާނީ އެކަމުގެ ތަޖުރިބާއާއި ގާބިލުކަން ހުރި ބަޔަކާއި ކަމަށާއި، އެވަރުގެ ކެޕޭސިޓީއެއް އެމް.އޭ.ސީ.އެލްގެ ކިބައިގައި ހުރިތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާއިރު، މިނިސްޓަރު ފައްޔާޟް ވަނީ އެކަމަށްވެސް ރައްދުދެއްވާފައެވެ.
އާ ސީޕްލޭން ޓާމިނަލް ހިންގުން ބަޔަކާއި ހަވާލުކުރުމާގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށްވެސް މައްސަލައެއް ހުށަހެޅިފައިވާކަމަށާއި، އެކަން ބަލަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ، އަންނަ މޭމަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭވަރު ވާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެފައިވާއިރު، އެތަން ހިންގާނީ އެމް.އޭ.ސީ.އެލުން ކަމަށް އެކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވަނީ މިމަހުގެ 18ވަނަ ދުވަހު ވިދާޅުވެފައެވެ. އަދި އައު ސީޕްލޭން ޓާމިނަލަށް މިހާރު ސީޕްލޭންގެ ހިދުމަތްދެމުންދާ ކުންފުނިތަކުގެ އޮޕަރޭޝަންސްތައް ވީހާވެސް އަމާންކަމާއެކު ބަދަލުކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެކަމަށްވެސް މޫސާ ސޯލިހު ވިދާޅުވެފައިވެއެވެ.