ވައްކަމުގެ މައްސަލަތައް މިއަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިއަދާ ހަމައަށް ވައްކަމުގެ މައްސަލަތަކުގެ ގޮތުގައި 4357 މައްސަލަ ވަނީ ރިޕޯޓްކޮށްފަ އެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1000 މައްސަލައަށް ވުރެ ވެސް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ވައްކަމުގެ މައްސަލަތަކުގެ ގޮތުގައި ފުލުހުންގެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ 3272 މައްސަލަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރު ވައްކަމުގެ މައްސަލައިގެ ގޮތުގައި 3504 މައްސަލަ އަދި 2016 ވަނަ އަހަރު 3617 ވައްކަމުގެ މައްސަލަ ވަނީ ރިޕޫޓްކޮށްފަ އެވެ.
ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ފަހު މިއަހަރު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޓްރެފިކްގެ 2266 މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
މިއަހަރުގެ މިހާތަނަށް ޑްރަގްގެ 2098 މައްސަލަ ހުށަހަޅާފައިވާއިރު މާރާމާރީއާ ގުޅުންހުރި 604 މައްސަލަ ވެސް މިއަހަރު ވަނީ ހުށަހަޅާފަ އެވެ. މީގެއިތުރުން ފޭރުމުގެ 473 މައްސަލަ، ޖިންސީ ގޯނާއާ ގުޅޭ 384 މައްސަލަ އަދި ގެވެށި އަނިޔާގެ 212 މައްސަލަ ވަނީ މިއަހަރުގެ މިހާތަނަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފަ އެވެ.
ފުލުހުން ބުނީ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވެސް މުޖުތަމައުގެ ތެރޭގައި ހިނގަމުންދާ ކުށްތައް މަދުކުރުމަށް ކަމަށްވެސް މީގެކުރިން ފުލުހުން ވަނީ ބުނެފަ އެވެ.