ގާނޫނުގައި ބަޔާން ކޮއްފައިވާ ގޮތަށް ސާވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިފަދައިން ވިދާޅުވެފައި މިވަނީ ސާވިސް ޗާޖުގެ ވާހަކަ ދެއްކުމުން ހޮނޑާފުށީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅިގެންނެވެ. ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވެންޖެހޭ ކަމަށް ވިދާޅުވެ ސިރާޖު ވިދާޅުވީ ސާވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް ކަމަށާއި ހަމައަށް ސާވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެ ކަމަށެވެ.
ސާވިސް ޗާޖުގެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފއިވަނީ ތ. ގުރައިދޫއަށް ނިސްބަތްވާ އަހްމަދު ޝިމްހާޒު އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ފޭސްބުކް ޕޭޖެއް ކަމަށް ވާ ރިސޯޓް ބޯއީޒް މޯލްޑިވްސް ހިންގާ ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.
ޝިމްހާޒުގެ ދިފާއުގައި ގިނަބަޔަކު އަންނަނީ ވާހަކަދައްކަމުންނެވެ. ޝިމްހާޒްގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ.
ޝިމްހާޒްގެ ދިފާއުގައި ޑރ. ޝަހީމް ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19އަށް ވޯޓު ދިނުމުން، އަނބިދަރިން ގާތުގައި ނިދަން މުވައްޒަފުންނަށް ދެވޭނެ ކަމުގައި ބުނި އަޑު އެއްސެވި ކަމަށެވެ. އަދި އަނބިދަރިން ގާތަށް ދެވޭ ގޮތަކީ ވަޒީފާއިން ވަކިކުރީމައި އަނބިދަރިން ގާތަށް ދިއުންތޯވެސް ޝަހީމު ވަނީ ސުވާލުކުރައްވާފަ އެވެ. އަދި މި މައްސަލާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ފިޔަވަޅު އަޅުއްވަންޖެހޭނެ ކަމުގައިވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ކުރީގެ މަޖިލިސް މެމްބަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އަލީ ނިޒާރު ވިދާޅުވީ އާއިލާއާއި ދުރުގައި މަސައްކަތްކުރަން ޖެހިފައިވާ ރިސޯޓު މުވައްޒަފުންގެ އުދާސްތައް ކަނުލައި އަޑުއަހަން ޖެހޭ ކަމަށާއި އެކަމަށް ހައްލުވެސް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި މަލްޓި މިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މުސާރައާއި އިނާޔަތްތައް ބޮޑު ވާންޖެހޭނެ ކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ.
ހޮނޑައިދޫ ރިސޯޓުގައި ސާވިސް ޗާޖަށް 11 ޑޮލަރު ދިން ކަމަށް ފަޅާއަރުވާލި ކަމަށް ތުހުމަތުކޮށް އެ ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން މިހާރު ވަނީ ވަޒީފާއެއްވެސް ހުށަހަޅާފައެވެ.
ސޭލްސްކޯ ނަމަކަށް ކިޔާ ކުންފުންޏެއްގެ އިސް ބޭފުޅަކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝިމްހާޒަށް ވަޒީފާ ދިނުމަކީ އެކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކުންފުނީގައި މަސައްކަތްކުރަން ޝަކުގުވެރިވާނަމަ ސީވީ ފޮނުވަން އެދޭ ކަމަށެވެ.