މާލޭގައި އަޅާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްވިމިން ޕޫލް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ ކުރީގެ އެއް ނަމްބަރު ކުނިކޮށީގައެވެ. އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ، މި މަސައްކަތް ފެށުން ލަސްވެގެން ދިޔައީ އެބިމަކީ އެހެން ފަރާތަކަށް ދީފައިވާ ބިމަކަށްވެފަ، އެމައްސަލަ އާބިޓްރޭޝަންގައި އޮތުމުގެ ސަބަބުންނެވެ.
ބިން ސާފުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮންޕެނީއާއެވެ.
ސްވިމިން ޕޫލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމާއި ގުޅޭގޮތުން ނޫސްވެރިންނާއި މައުލޫމަތު ދެއްވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، އަންނަ އަހަރު ސްވިމިން ޕޫލް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އަދި އަންނަ އަހަރު ޕޫލްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފެށޭ ވަރު ވާނެކަމަށެވެ. 45 ވަނަ ގައުމީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސްވިމިންގް ޕޫލުގައެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އެ މަސައްކަތަކީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރުގެ ނިމުންކަމަށާއި، އެ ޕޫލްގެ ސަބަބުން ފެތުންތެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށެވެ. ސައްތާރު ވިދާޅުވީ، ސްވިމިން ޕޫލް އަޅާ ބިން ސާފުކުރުން ފެބްރުއަރީ 15 ގެ ކުރިން ނިމި ހަމަ އެމަހުގެ ތެރޭގައި ޕޫލް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ.
މަސައްކަތް ފަށާތާ 8 މަހުގެ ތެރެގައި ނިމޭނެ ކަމަށް ލަފާކުރެވޭ މިޕޫލަކީ 50 މީޓަރު ދިގު، 25 މީޓަރު ފުޅާ މިނުގެ 10 ލޭން އޮންނަ ޕޫލެކެއެވެ. އަދި ވޯމްއަޕް ޕޫލެއްގެ ގޮތުގައި 25 މީޓަރުގެ 4 ލޭން އޮންނަ ޕޫލެއްވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެތުންތެރިން ބޭނުން ކުރާނެ ޖިމަކާއި ކޯޗުން ތިބޭނެ ތަނެއްގެ އިތުރުން ސްވިމިން އެސޯސިއޭޝަންގެ އޮފީސްވެސް މިތަނުގައި ހިމޭނެކަމަށް ސައްތާރު ވިދާޅުވެވެ.