Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ރައީސް އޮފީހުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސަވައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައިވާ ކަމަށެވެ،

މިގޮތަށް ހަމަޖެއްސުމާ ގުޅިގެން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެތަނުގެ މުދަލާއި އެހެނިހެން ވަސީލަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ އަންގާފައެވެ.

އައްޑޫ ޓާޝަރީ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް މި މަހުގެ 15 ދުވަހު ފަށަން ހަމަޖެހިފައިވީ ނަމަވެސް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވޭތީ ވަނީ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފައެވެ.

އައްޑޫ ސިޓީ ހޮސްޕިޓަލް 100 އެނދުގެ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަޝްރޫއު ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެލިޔާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއު ނިމި ހޮސްޕިޓަލްވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ.

އެލިޔާއަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. މި މަޝްރޫއު ނިންމައި މިދިޔަ އަހަރުގެ ތެރޭގައި ވެސް ހުޅުވަން މަސައްކަތްކޮށްފައިވެއެވެ.