Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ދެވަނަ މެޗުން ވެސް ބޭރުމަތި މޮޅުވެއްޖެ

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި ކުޅުނު ދެވަނަ މެޗުން ވެސް ބޭރުމަތި އެފްސީ މޮޅުވެއްޖެއެވެ.

މުބާރާތުގެ ދެވަނަ މެޗުން ބޭރުމަތި އެފްސީ މޮޅުވީ ގޯދިއްޔާ އާއި ބައްދަލުކޮށް 5-0 އިންނެވެ.

ބޭރުމަތި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަބާހުއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މޫސާ ވަހީދު ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބޭރުމަތި ޓީމުން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އިބްރާހިމް ޝާހިދު ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި އަހުމަދު ހަބީބް ކާމިޔާބުކޮށްދިންއިރު ބޭރުމަތި ޓީމުގެ ފަހު ގޯލަކީ މެޗުގެ 87 ވަނަ މިނެޓްގައި ގޯދިއްޔާ ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބޭރުމަތި މޮޅުވީ މުލިމަަތި ޔުނައިޓެޑާއި ބައްދަލުކޮށް 4-1 އިންނެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސް އާއި ޒެފިޔާއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.