Last Updated: May 5, 21:07
Tuesday, May 6, 2025
ޚަބަރު

މީދޫ އަދި ފޭދޫ ފަތާ ޓްރެކްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ: ޔޫތު މިނިސްޓްރީ

ސ. ފޭދޫ އަދި މީދޫގައި ފަތާ ޓްރެކްގެ އެޅުމަށް ބޭނުންވާ ސާމާން އެ ދެރަށަށް ފޮނުވުމަށް މިއަދު ބޯޓަށް އަރުވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑު ސްޕޯޓްސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މީދޫ އަދި ފޭދޫގައި އަޅާ ފަތާ ޓްރެކްގެ ސާމާން ބޯޓަށް އަރުވާފައިވާ ކަމަށެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި، ހއ. ދިއްދޫގައި އަޅާ ފަތާ ޓްރެކް ސާމާންވެސް މިއަދު ވަނީ އެރަށްތަކަށް ފޮނުވުމަށް ބޯޓަށް އަރުވާފައެވެ.

ޔޫތު މިނިސްޓްރީން ބުނީ މިތަކެތި ރަށްތަކަށް ގެންގޮސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕްލެޓު ފޯމު އަޅައި ނިންމޭނެ ކަމަށެވެ.

ފޭދޫ، އަދި މީދޫގެ އިތުރުން ހދ. ކުޅުއްދުއްފުށި އަދި ދިއްދޫގައި ފަތާ ޓްރެކް އެޅުމަށް ފިނޭންސް މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ފޭދޫ އާއި މީދޫގައި ފަތާ ޓްރެކް އަޅާއިރު އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިތަދޫ، މަރަދޫ އަދި ހުޅުދޫގައި ފަތާ ޓްރެކް އަޅާފައެވެ.