އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި ފޭދޫ ސްޕޯޓްސް ކުޅުނު ދެވަނަ މެޗުން ވެސް އެޓީމު ކާމިޔާބުކޮށްފިއެވެ.
ފޭދޫ ސްޕޯޓްސް އިން އެ ޓީމުގެ ދެވަނަ މެޗު ކާމިޔާބުކުރީ އެފްސީ ޒެފިޔާއާ ބައްދަލުކޮށް 4-1 އިންނެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޒެފިޔާ އިންނެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓްގައި ޒެފިޔާ އަށް މި ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް ހާރިޝް ހުސެއިންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ފޭދޫ ސްޕޯޓްސް އިން ވަނީ ތިން ގޯލު ކާމިޔާބުކޮށް ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ.
މި ތިން ގޯލު ފޭދޫ ސްޕޯޓްސް އަށް ކާމިޔާބުކޮށްދިނީ އަލީ ނާފިއު އާއި އަލީ ލިރުއާމްގެ އިތުރުން ހުސާމް ސައީދެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ލިރުއާމްއެވެ.
މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ފޭދޫ ސްޕޯޓްސް އަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ފޭދޫ ސްޕޯޓްސް މޮޅުވީ ކްލަބް ރިވެރިންއާ ބައްދަލުކޮށް 3-4 އިންނެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ބޭރުމަތި އާއި ގޯދިއްޔާއެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.