ރޭ އިރާކޮޅުން ފެށިގެން އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ގިނަ ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ.
ވާރޭ ވެހި އެންމެ ބޮޑަށް ފެންގަނޑު ހެދިފައިވަނީ ހިތަދޫގައެވެ. ހިތަދޫގައި ފެން ބޮޑުވުމާއި ގުޅިގެން އައްޑޫ ހައިސްކޫލާއި ޝަރަފުއްދީން ސްކޫލްގެ ކިޔެވުން މިއަދު ވަނީ ކެންސަލް ކޮށްފައެވެ. ޝަރަފުއްދީން މަގަށް ލިންކު ރޯޑުން ވަދެވެން ހުރި ހުރިހާ މަގެއްގައި ވަނީ ބޮޑު ފެންގަނޑު ހެދިފައެވެ.
ފޭދޫ އާއި މަރަދޫގެ ބައެއް ސަރަހައްދު ތަކުގައި ފެން ހެދިފައިވާ އިރު އާއްމު ގޮތެއްގައި ފެން ބޮޑުވާ ފޭދޫއަށް ވެސް ވަނީ ފެންބޮޑުވުމުގެ މައްސަލައާއި ކުރިމަތިލާފައެވެ.
މިހާތަނަށް އެއްވެސް ގެއަކަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.