Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

މަޝްރޫއުތައް ހަވާލުކުރާ ފަރާތްތަކުގެ ގާބިލްކަން ކަށަވަރުކުރުމަށް އަންގައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތައް ހަވާލުކުރުމުގެ ކުރިން އެ މަޝްރޫއުތައް ހަވާލުކުރާ ފަރާތްތަކުގެ މާލީ ގާބިލްކަން ކަށަވަރުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކުލަވާލާ ހިންގުމަށް ރާވާފައިވާ މަޝްރޫއަކީ ދައުލަތުގެ ދަރަންޏަށް ސީދާ ގޮތުން އަދި ނުސީދާ ގޮތުން އަސަރުކުރާނެ މަޝްރޫއެއް ނަމަ އެފަދަ މަޝްރޫއެއްގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކޮށް ލަފާއާއި ހުއްދަ ހޯދުމަށް އެދޭ ކަމަށެެވެ.

މަޝްރޫއެއް ކާމިޔާބު ކަމާ އެކު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް އެ މަޝްރޫއެއްގެ ކޮންޓްރެކްޓަރު އަދި ފައިނޭންސް ދޭ ފަރާތުގެ ގާބިލްކަން ވަޒަންކުރުމަކީ ލާޒިމް ކަމެއް ކަމަށްވެސް މިނިސްޓަރު ސޮއިކުރައްވާ ނެރެފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

ސަރުކާރުގެ މަޝްރޫއުތައް ހިންގަން ހަވާލުކުރާ ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމަށްފަހު ނޫނީ އެއްބަސްވުންތަކުގައި ސޮއި ނުކުރަން ފިނޭންސް މިނިސްޓްރީން އަންގާފައި މިވަނީ މީގެކުރިން ސަރުކާރާ އެކު އެކި ފަރާތްތަކުން ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރަން ޖެހި ބޮޑެތި އަދަދުތަކުން އެކިއެކި ފަރާތްތަކަށް ބަދަލު ދޭން ޖެހިފައިވާތީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެފައިވާ ވަގުތެއްގައެވެ.

އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އައިފަހުން މިހާރުވެސް އެތައް މިލިއަން ރުފިޔާއެއް ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް ދީފައިވާއިރު މިހާރުވެސް ކޯޓު މަރުހަލާގައި އެތައް މައްސަލައެއް އެބައޮތެވެ.