ސާވިސް ޗާޖުގެ މައްސަލަ ފާހަގަވި ރިސޯޓުތަކަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފަކަށް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި މިނިސްޓަރު އަލީ ވަހީދު ކުރައްވާފައިވާ މަސައްކަތް އޮޅުވާނުލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ސާވިސް ޗާޖާއި އޮޑިޓުން މައްސަލަ ފާހަގަވި ރިސޯޓުތަކަށް ޑިއު ޕްރޮސެސް ފޮލޯކޮށް ފިޔަވަޅު އަޅާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު މިފަދައިން ވިދާޅުވެފައި މިވަނީ ސާވިސް ޗާޖުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދާދިފަހުން މިނިސްޓަރު އަލީ ވަހީދު ވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ވިދާޅުވެފައެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ މިނިސްޓަރަށް އަމާޒުވިއެވެ.
އެ ވާހަކަތައް ސާފުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖުމްލަ ގޮތެއްގައި ސާވިސް ޗާޖު ދިނުމުގައި އަމަލުކުރަނީ ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށްވެސް ސީދާ މިނިސްޓަރު ވިދާޅުނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ ފާހަގަކޮށްލެވޭ ބޮޑެތި "ކީ" އިންވެސްޓަރުންގެ ވާހަކަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފަހުން އަލީ ވަހީދު ވަނީ ޓްވީޓާ މެދުވެރިކޮށް އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.
އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގެ މުވައްޒަފުންނާއި އެ އިންޑަސްޓްރީގެ މަސައްކަތް މަހުން މަހަށް މީޑިއާއާ ހިއްސާ ކުރައްވާ ކަމަށާއި ކުރެއްވި އިޚުލާސްތެރި މަސައްކަތް މިނާނީ ރައްޔިތުން ކަމަށެވެ.
ސާވިސް ޗާޖުގެ މައްސަލައެއް ހދ. ހޮނޑާފުށީގައި މަސައްކަތް ކުރާ މުވައްޒަފަކު ފަޅާ އަރުވާލުމާއި ގުޅިގެން އެ ރިސޯޓުން ވަނީއެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައެވެ. އެކަމާއި ގުޅިގެންވެސް ޓޫރިޒަމް މިނިސްޓްރީއާ މިނިސްޓަރަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މި މައްސަލައާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވަނީ އެމަނިކުފާނުގެ މުސާރައިން ތިން މަހުގެ މުސާރަ ދިނުމަށް ނިންމާފައެވެ.
ޝިމްހާޒަށް ތިން މަހުގެ މުސާރަ ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއުލާންކުރެއްވީ 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މަރުހަބާ ދެންނެވުމުގެ ގޮތުން މިއަދު ބޭއްވި ހަރަކާތަކަށްފަހު ނޫސްވެެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ޝިމްހާޒާ ބައްދަލުކުރައްވާ އޭނާއަށް ދިމާވި މައްސަލަތަކާއި އޭނާގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އެގޮތުން ޝިމްހާޒް ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ދިނުމަށް ރިސޯޓުން ދެކޮޅު ހަދާފައިވާ ކަމަށާއި އަދި ރިސޯޓުން ފައިބަން އޭނާއަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށް ޝިމްހާޒް ބުނި ކަމަށްވެސް ވިދާޅުވި އެވެ. ޝިމްހާޒް ވަޒީފާއިން ވަކިކުރި މައްސަލަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.