Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ގޯދިއްޔާ ބަލިކޮށް ބޭރުމަތި ސެމީ އަށް

4-1 އިން ގޯދިއްޔާ ބަލިކޮށް އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ސެމީފައިނަލަށް ބޭރުމަތި އެފްސީ ދަތުރުކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުން ވެސް ހަތަރު މެޗު ކުޅޭއިރު މުބާރާތުގެ ސެމީއަށް ބޭރުމަތި ދަަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާ އެކުއެވެ. ބޭރުމަތި އަށްވުރެ ދެ މެޗު މަދުން ކުޅެ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައި މުލިމަތި ޔުނައިޓެޑް އޮތްއިރު ގޯދިއްޔާ އަށް މިހާރު ވަނީ މުބާރާތް ނިމިފައެވެ. އެގޮތުން އެޓީމަށް މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ ފަސްވަނަ ދުވަހު ބޭރުމަތި ނިކުންނާނީ މުލިމަތި ޔުނައިޓެޑާ ދެކޮޅަށެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި ބޭރުމަތި ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަމީން އިބްރާހިމްއެވެ. މެޗުގެ 23 ވަނަ މިނެޓްގައި މުހައްމަދު ސަބާހު ބޭރުމަތި ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އަބްދުﷲ ލޯސަން ވަނީ ގޯދިއްޔާ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް މެޗުގެ 67 ވަނަ މިނެޓްގައި މުހައްމަދު ޝުއާއު ވަނީ ބޭރުމަތި ޓީމަށް ލީޑު އަލުން ނަގާދީފައެވެ. ބޭރުމަތި ޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާޒިމް ފައުޒީއެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސް އާއި ޒެފިޔާއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.