އެއްގަމުގައި ދުއްވާ އުޅަނދު ފަހަރަށް ލައިސަންސް ދޫކުރާ އިރު، ފުލުހުން ހިންގާ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލު ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމައިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެއްގަމު ލައިސަންސް މިހާރު ނަގާއިރު ހަދަން ޖެހެނީ ޓްރާންސްޕޯޓު މިނިސްޓްރީން ދޭ ޓެސްޓެއް އެކަންޏެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން 2020ވަނަ އަހަރު ކުރުމަށް ރާވާފައިވާ މުހިއްމު ކަންތައްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެއްގަމު އުޅަނދުތަކުގެ ލައިސަންސް ނަގާއިރު ފުލުހުން ހިންގާ ޓެސްޓެއް ހެދުމުގެ މަގުސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓްތައް މަދުކޮށް، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް މީހުން އަހުލުވެރި ކުރުވުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުން ހިންގާ ތަމްރީނު ހަދަން ޖެހޭނީ އަލަށް ލައިސަންސް ނަގާ ފަރާތްތައް އެކަނި ކަމަށެވެ. އަދި މިހާރު ލައިސަންސް ނަގާފައިވާ ފަރާތްތައް އެ ތަމްރީނު ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިއަހަރު ކުރުމަށް ނިންމާފައިވާ އެހެން ކަންތައްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ވެހިކަލްތަކުގައި ނަމްބަރު ޕްލޭޓް ޖެހުމަށް މިއަހަރު ނިންމާފައިވާ ކަމަށެވެ. އެ ނަންބަރު ޕްލޭޓަކީ މެޝިނަކަށް ރީޑް ކުރާ ގޮތަށް ތައްޔާރުކުރެވޭ ނަމްބަރު ޕްލޭޓެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ސައިކަލެއް ނުވަތަ ވެހިކަލެއް ގެއްލިގެން ހޯދަން ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.