އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން 2-0 އިން މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.
މި މޮޅާއެކު އާސެނަލް މިހާރު އޮތީ 27 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ. ޔުނައިޓެޑް އޮތީ 31 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. މިއީ އާސެނަލްގެ އާ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅެ އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.
އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ އަށްވަނަ މިނެޓްގައި ނިކޮލަސް ޕެޕޭ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް އާސެނަލް އިން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޕެޕޭ ފޮނުވާލި އިތުރު ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް ވަނީ އަމާޒުވެފައެވެ.
އެ ފުުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލްގެ ޑިފެންޑަރު ސޮކްރާޓިސް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑްގެ ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ކުރި ނަމަވެސް އާސެނަލްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސައުތްހެމްޓަން އިން ވަނީ 1-0 އިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާފައެވެ. ޗެލްސީ އާއި ބްރައިޓަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު މެންޗެސްޓަރ ސިޓީން ވަނީ 2-1 އިން އެވަޓަން ބަލިކޮށްފައެވެ.