Last Updated: July 1, 04:05
Tuesday, June 30, 2026
ޚަބަރު

ޑައިލިސިސްގެ އަގު 400 ރުފިޔާއަށް ބަދަލުކޮށްފި

ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކިޑްނީ ޑައިލިސިސް ހިދްމަތް މި ޖުލައި މަހު 8 ވަނަ ދުވަހު ފެށި އިރު އަގުބޮޑުވުމާއި ގުޅިގެން އާއްމުން ޝަކުވާ ބޮޑުވެފައިވަނިކޮށް ހިދްމަތުގެ އަގު 400 އަށް ދަށްކޮށްފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ ކުރިން ނަގަމުން ދިޔަ 1000ރުފިޔާގެ ބަދަލުގައި 400 ރުފިޔާއަށް އަގު ދަށްކުރި ކަމުގެ ލިއުން މިއަދު އެންސްޕާއިން ލިބިފައިވާ ކަމަށެވެ.

ހަފްސާ ވިދާޅުވީ މިއަދުން ފެށިގެން ޑައިލިސިސް ހިދްމަތަށް ނަގާނީ 400 ރުފިޔާ ކަމަށެވެ.

އެންސްޕާއިން އިއްޔެ ބުނީ ހިަތދޫ ރީޖަނަލް ހޮސްޕިޓަލުން ޑައިލިސިސް ހިދްމަތް ފެށި އިރު ރަސްމީކޮށް އެއިދާރާއަށް އަގު ތިރިކޮށްދިނުމަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެގޮތަށް އެދުނު ނަމަ އަގު ތިރި ކޮށްދޭނެކަމަށް އެންސްޕާއިން ބުންޏެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ކިޑްނީ ޑައިލިސިސް ހިދްމަތް ހޯދަމުން ދިޔަ ބައެއް ފަރާތަކުން ވަނީ މިހާރު އައްޑޫއަށް ބަދަލުވެ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަން ފަށާފައެވެ. ނަމަވެސް ހިދްމަތް ފުރަތަަމަ ފަށައިގަތް އަގުބޮޑުވެގެން އާއްމުން ވަނީ ޝަކުވާ ކޮށްފައެވެ.

އަމިއްލަ ފަރާތަކުން ހަދިޔާ ކުރި ދެމެޝިންނައި އެކު މި ފެށި ހިދްމަތުގެ ސަބަބުން އައްޑޫ އާއި ފުވައްމުލަކުގެ ގިނަ ބަޔަކަށް ފަސޭހަކަމާއި އެކު ހިދްމަތް ހޯދޭނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.