Last Updated: May 14, 10:30
Tuesday, May 14, 2024
ޚަބަރު

ބިން ހިއްކަން އޭޖީގެ ލަފާ ހޯދަނީ

އައްޑޫގެ ތިން ރަށެއްގެ ބިން ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިއްކުމަށް ހައުސިން މިނިސްޓްރީން ކުރި އިއުލާނާއި ގުޅިގެން ގާނޫނީ އެއްވެސް މައްސަލައެއް އޮތްތޯ ބެލުމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ ލަފައަކަށް އެދިފައިވާ ކަމަށް ހައުސިން މިނިސްޓަރު އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ އައްޑޫގެ ތިން ރަށުގެ ބިން ހިއްކުމަށް އިއްލާން ކޮށްފައި ވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށް ކަމަށް ބުނެ މަޖިލިސް އިން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނާތީ އެކަމަކީ ގާނޫނާއި ހިލާފް ކަމެއްތޯ ބެލުމަށް އޭޖީގައި އެދިފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީން ބުނެފައިވަނީ ބިން ހިއްކުމަށް އިއްލާން ކޮށްފައިވާ އިރު އެ މަޝްރޫއަކީ ބަޖެޓް ކުރެވިފައިވާ މަޝްރޫއެއް ނޫން ކަމަށެވެ. އަދި ބަޖެޓް ކުރެވިފައިވާ ނުވާ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭޖީގެ ލަފައެއް މިކަމުގައި ލިބުނުހާ އަވަހަކަށް މަޝްރޫއުއާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ދާދި ފަހުން "ގައުމާއިގެން ކުރިއަށް" ކެމްޕެއިންގައި އައްޑޫއަށް ވަޑައިގެން ރައީސް ވަހީދު ވިދާޅުވީ ގަމުގެ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި ބިން ހިއްކާ ގަލްފު ކޮބްލާއިން އައްޑޫގެ 70 ހެކްޓަރުގެ ބިން ހިއްކައި ދޭނެ ކަމަށެވެ.

ނަމަވެސް ހައުސިން މިނިސްޓަރ އަހުމަދު މުއިއްޒު ވިދާޅުވީ ރައީސް ވަހީދު އެގޮތަށް ވިދާޅުވީ އޮޅުމަކުން ކަމަށެވެ. އަދި ގަލްފު ކޮބްލާއިން އެއާޕޯޓް ސަރަހައްދު ފިޔަވައި އިތުރު ތަނެއް ހިއްކުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.