Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

އާ އުސޫލުތަކާއެކު ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް މި މަހު ހުޅުވާލަނީ

Photo: Edition.mv

ކޮންމެ އަހަރަކުވެސް އެތައް ދިވެހި ދަރިވަރުންނެއް ބޭރަށް ތަޢުލީމު ހޯދުމަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް މި މަސްތެރޭ ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

މިނިސްޓްރަ އޮފް ހަޔަރ އެޑިއުކޭޝަން، ޑރ. އިބްރާހިމް ހަސަން ވަނީ މިކަން "އައްޑޫލައިވް" އަށް ކަށަވަރުކޮށް ދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ޖަނަވަރީ މަހު ލޯނަށް ހުޅުވާލުމަށް ނިންމާފައިވީ ނަމަވެސް، އަދި ހުރިހާ ތައްޔާރީތައް ނިމިފައިނުވާތީ ލޯނަށް ކުރިމަތިލުމަށް ހުޅުވާލާނެ ވަކި ދުވަހެއް ދަންނަވަން ދަތިކަމަށެވެ.

ނަމަވެސް ލޯނުގެ ކުރީ ބުރުތަކާއި މިފަހަރުގެ ލޯނު ބުރާއި ތަފާތުވާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މާލީ ތަނަވަސްކަން ދަށް ފަރާތްތަކަށް އިސްކަންދޭނެކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަކި ކޯޓާއެއް ކަނޑައެޅޭނެ ފަދަ، ރީޖަނަލް އެލޮކޭޝަންތަކެއް ހެދިގެންދާނެ ކަމަށް މިނިސްޓަރު ހަސަން ވިދާޅުވިއެވެ.

މީގެ ސަބަބެއް ކަމަށް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލޯނު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި އުސޫލުތައް މިގޮތަށް ހެދިގެންދާއިރު، މިކަން ކުރެވިގެންދާނީ ވަކި ފޯމިއުލާތަކެއްގެ މަތިންކަމަށާއި، އެފޯމިއުލާތައް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ލޯނު ބުރުގައި ދިމާވި މައްސަލަތަކަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ އަހަރުގެ ފުރަތަމަ ބުރުގައި ލޯނު ލިބުނު ކުދިންގެ ލިސްޓާއި ނުލިބުނު ކުދިންގެ ލިސްޓު ނެރުނުއިރު ލޯނު ނުލިބުނު ކުދިންނަށް ލިސްޓުގައި ސަބަބު ބަޔާންނުކުރެވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވަރަށް ފާޑުކިޔުން އަމާޒުވިކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން އެގޮތަށް ދިމާވީ އީދު ބަންދާއި ދިމާވުމުން ކަމަށާއި، އީދު ބަންދު ނިމި، ސަބަބުތައް ބަޔާންކުރުމުން އެކަން ހައްލުކުރެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއާއި އެކު، އެބުރުގައި ދެން ޖެހުނު އެންމެ ބޮޑު އެއްމައްސަލަކަމަށްވާ، ޕޮއިންޓު މަދުން ލިބުނު ދަރިވަރުންނަށް ލޯނު ލިބިފައި، މަތިން ލިބުނު ދަރިވަރުންނަށް ލޯނު ނުލިބުނު މަައްސަލައާއި ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ، އެކަން އެގޮތަށްވީ، ލޯނު ދިނުމުގައި ކިޔެވުން ނިމެން ދުވަސް މަދު ދަރިވަރުންނަށް އިސްކަންދޭ އުސޫލެއް ގެންގުޅޭތީކަމަށެވެ.

އަދި މި އުސޫލު ހަދާފައިވަނީ ކިޔެވުމުގައި ބާކީ ކުޑަ ދުވަސްކޮޅެއް އޮވެފައި މާލީ ދަތިކަން ހުރުމުން ކިޔެވުން ނިންމާ ނުލެވިފައި ތިބޭ ދަރިވަރުން އަވަހަށް ކިޔަވާ ނިމިގެން މުޖުތަމައަށް ޚިދުމަތްކުރަން ނިކުންނާނެ ދަރިވަރުން އިތުރު ކުރުމުގެ ނިޔަތުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓަރ ވަނީ އެބުރުގައި މިފަދަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދެވުނު ވަރު މަދުކަން ފާހަގަކުރައްވާފައެވެ.

މިފަހަރުގެ ލޯނަށްވެސް އެދެން ޖެހެނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު، މިނިސްޓަރވަނީ ހުރިހާ ދަރިވަރުންނަށްވެސް ދުރާލާ ތައްޔާރުވެ، އިއުލާނާއި، އުސޫލުތައް ރަނގަޅަށް ކިޔައި، ހުރިހާ ލިޔެކިޔުމެއް ހަމަކޮށް، ފަރުވާތެރިކަމާއެކު ފުރިހަމަ އެޕްލިކޭޝަނެއް ހުށައެޅުމަށް އިލްތިމާސްކޮށްފައެވެ.