Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ތިންވަނަ މެޗުން ވެސް މޮޅުވެ ފޭދޫ ސްޕޯޓްސް ސެމީ އަށް

4-3 އިން ޒެފިޔާ ބަލިކޮށް އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ސެމީފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރުކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުން ވެސް ހަތަރު މެޗު ކުޅޭއިރު މުބާރާތުގެ ސެމީއަށް ފޭދޫ ސްޕޯޓްސް ދަަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާ އެކުއެވެ. ފޭދޫ ސްޕޯޓްސް އަށްވުރެ ދެ މެޗު މަދުން ކުޅެ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައި ކްލަބް ރިވެރިން އޮތްއިރު ޒެފިޔާ އަށް މިހާރު ވަނީ މުބާރާތް ނިމިފައެވެ. އެގޮތުން އެޓީމަށް މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ ހަވަނަ ދުވަހު ފޭދޫ ސްޕޯޓްސް ނިކުންނާނީ ކްލަބް ރިވެރިންއާ ދެކޮޅަށެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގައި ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް އަލީ ނާފިއު ވަނީ ހެޓްރިކެއް ހަދާފައެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކް ވެސް މެއެވެ. ފޭދޫ ސްޕޯޓްސްގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަލީ ލިރުއާމްއެވެ.

ޒެފިޔާގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އިމްޝާލްއެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޒައްމަތު ބުޝްރީއެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މުލިމަތި ޔުނައިޓެޑާއި ގޯދިއްޔާއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.