Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

"ވައްކަން މަދު ކުރަން ރައްޔިތުންގެ އެހީ ބޭނުންވޭ"

އައްޑޫގައި އެސްއޯ ފުލުހުންތަކެއް އާންމުންގެ ބަޔަކާ ވާހަކަ ދައްކަނީ. ފޮޓޯ/ ޕޮލިސް

ރަމަޟާން މަހު މާލެ އާއި އަތޮޅުތަކުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ސަބަބުން މި އަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކޮށް، ޖިނާޢީ ކުށްތައް މަދުކުރުމަށް ޚާއްޞަ އިސްކަމެއްދީގެ ފުލުހުން ރަމަޟާން މަހު މާލެ އާއި އަތޮޅުތަކުގައި ހިންގާ އޮޕަރޭޝަންތަކާއި ޙަރަކާތްތައް އިތުރުކުރުމާ އެކު ޚާއްޞަ ގޮތެއްގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުވެގެން ގޮސްފައިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ފުލުހުން ބުނެ އެވެ.

މާލޭގެ ތަފާސް ހިސާބަށް ބަލާއިރު ރަމަޟާން މަހުގެ ފުރަތަމަ 5 ދުވަހު ހުށަހެޅިފައި ވަނީ ވައްކަމުގެ 67 މައްސަލައެކެވެ.

އެއީ ފާއިތުވި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 5 ދުވަހާ އަޅާބަލާއިރު 33 އިންސައްތަ މަދު ޢަދަދެކެވެ. ފާއިތުވިއަހަރު ރަމަޟާން މަހު ފުރަތަމަ 5 ދުވަހު ވައްކަމުގެ 101 މައްސަލައެއް ފުލުހުންނަށް ހުށަހެޅުނެވެ.

ވައްކަމުގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތައް ވެސް އިތުރުވިޔަ ނުދީ ވަނީ ހިފެހެއްޓިފަ އެވެ. މިގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 5 ދުވަހު ފޭރުމުގެ 15 މައްސަލައެއް ހުށަހެޅިފައިވާ އިރު ފާއިތުވި އަހަރު ވެސް މި ޢަދަދު އުޅެނީ ދާދި އެއް ވަރެއްގަ އެވެ.

ރަމަޟާން މަހު ވައްކަމުގެ މައްސަލަތައް ޢާއްމު ގޮތެއްގައި ހިނގާފައި ހުންނަނީ ހާރުދަމުގެ ފަހުން އިރުއެރުމާއި ދެމެދުގެ ވަގުތަކުގައި ކަމަށްވާތީ އެ ވަގުތުތަކުގައި ގޯތިގެދޮރާއި ތަންތަން ތަޅުލައި ރައްކާތެރިކޮށް ބެލެހެއްޓުން މިހާރަށް ވުރެ ވެސް ވަރުގަދަ ކުރެވިއްޖެ ނަމަ ވައްކަންކުރާ ފަރާތްތަކަށް ލިބޭ ފުރުޞަތުތައް ކުޑަ ކުރެވިގެން ދާނެ ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން ފަތިސް ނަމާދަށް ވަޑައިގަންނަވާ އިރު ދޮރާއްޓާއި ކޮޓަރިފަދަ ތަންތަން ރަނގަޅަށް ތަޅުލުމަށާއި މޮބައިލް ފޯނާއި ލެޕްޓޮޕާއި އައިޕޮޑު ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބަލަހައްޓައި އެތަކެތި ވެސް ގެއަށް ވަންނަ އިރު ޢާއްމުކޮށް ނުފެންނާނެހެން ބެހެއްޓުން މުހިއްމު ކަމަށް ފުލުހުން ބުންޏެވެ. އަދި ބޭނުން ކުރާ ފައިސާ ވެސް ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެ ގޮތަށް ރައްކާކޮށްގެން ގެންގުޅެން ފުލުހުން އިލްތިމާސް ކުރެ އެވެ.