އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ލިވަޕޫލުން ކުރި ހޯދައިފިއެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 58 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 45 ޕޮއިންޓާ އެކު ލެސްޓަ ސިޓީ އޮތްއިރު ރޭގެ މެޗުން ބަލިވި ޝެފީލްޑް އޮތީ 29 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައެވެ.
ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތަރުވަނަ މިނެޓްގައި ރޮބަޓްސަން ދިން ޕާހަކުން މުހައްމަދު ސަލާހު ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު އިތުރު ގޯލުތަކެއް ކާމިޔާބު ކުރަން ވެސް ސަލާހަށް ފުރުސަތު ލިބިފައިވެއެވެ. އެގޮތުން އޭނާ ފޮނުވާލި އެއް ހަމަލާ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވިއެވެ.
ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 64 ވަނަ މިނެޓްގައެވެ. އެގޮތުން އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ސަލާހު ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދީފައިވަނީ ސަޑިއޯ މާނޭއެވެ.
މި ނަތީޖާއާ އެކު ލިވަޕޫލުން ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގުގެ 33 މެޗު ބަލިނުވެ ހަމަކޮށާްފަ އެވެ. ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ އެވެ.