Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ގޯދިއްޔާ އިން މުލިމަތި ޔުނައިޓެޑް ބަލިކޮށްފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި މިއަދު މުލިމަތި ޔުނައިޓެޑާ ބައްދަލުކުރި މެޗު 5-2 އިން ގޯދިއްޔާ އިން ކާމިޔާބުކޮށްފިއެވެ.

މި ނަތީޖާއާއެކު ގޯދިއްޔާ އަދި މުލިމަތި އަށް ވެސް މިހާރު ވަނީ ތިން ޕޮއިންޓު ލިބިފައެވެ. މިއީ ގްރޫޕް ސްޓޭޖުގައި ގޯދިއްޔާ ކުޅުނު ފަހު ކަމަށްވާއިރު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބޭރުމަތި އެފްސީ ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. ސެމީގެ ދެވަނަ ޖާގަ ހޯދާނެ ޓީމެއް އިނގޭނީ ގްރޫޕްގެ ފަހު މެޗުގައި ބޭރުމަތި އާއި މުލިމަތި ބައްދަލުކުރާ މެޗުންނެވެ. އެގޮތުން އެ މެޗު އެއްވަރުކޮށްލައިގެން ވެސް މުލިމަތި އަށް ސެމީއަށް ދެވޭނެއެވެ.

އެންމެފަހުން ކުޅުނު ތިން މެޗުން ބަލިވެފައިވާ ގޯދިއްޔާ އިން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުން މި މެޗުގައި ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ހަސަން އަތޫފް އާއި ވިޝާން ހަބީބް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހަސަން އެވެ.

މުލިމަތި ޔުނައިޓެޑުން މި މެޗުގައި ކާމިޔާބުކުރި ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ރަޔާންއެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ރިވެރިން އާއި ޒެފިޔާއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.