Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އިބްރާހީމްދީދީގެ މައްސަލަ ޕީޖީން ހުޅުދޫ ކޯޓަށް!

ހުޅުމީދޫގައި އޮތް މުބާރާތެއްގައި އިބްރާހީމްދީދީ ކުޅުންތެރިންތަކަކާ ސަލާން ކުރައްވަނީ.

ސ. ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަދި މިހާރު އަވަށު ބޯޑްގެ ރައީސް އިބްރާހިމް ދީދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ ޕީޖީން ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ޕީޖީން ކޯޓަށް ފޮނުވީ މިއަދު އެވެ.

އިބްރާހީމްދީދީގެ މައްސަލަ ތަހުގީގުކޮށް އޭސީސީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް، އިއުލާނުކުރުމެއް ނެތި ހުޅުމީދޫން ހަތަރު ފަރާތަކަށް އިބްރާހީމް ދީދީ ގޯތި ދޫކޮށްފައިވާ ކަން ތަހުގީގުން އެނގޭ ކަމަށެވެ.

މީގެ އިތުރުން ހުޅުދޫ ރައްޔިތުންގެ މަސްމާރުކޭޓުގައި ހަދާފައި ހުރި ސައި ހޮޓާ 1،500ރ. އަށް ކުއްޔަށް ދީފައި ވަނިކޮށް އެތަން ހިންގަމުން ދިޔަ ފަރާތާ ޑީލެއް ހަދައި ކުލި 500ރ. އަށް ކުޑަކޮށް އިއުލާނުކުރުމެއް ނެތި ކުއްޔަށް ދީފައިވާކަން ވެސް ތަހުގީގަށް ސާބިތުވާ ކަމަށެވެ. އަދި އޭރު ހުޅުދޫ އަވަށް ހިންގުމާ ހަވާލުވެ ހުރި އިބްރާހީމް ދީދީގެ އިއުތިރާފުން ވެސް އެކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ސައި ހޮޓާ ހިންގުމަށް ފަސް އަހަރު ދުވަހުގެ އެގްރީމެންޓްގެ ދަށުން 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު ބަޔަކަށް ކުއްޔަށް ދީފައި ވަނިކޮށް އެގްރީމެންޓްގެ މުއްދަތު ހަމަވުމުގެ ކުރިން، އިއުލާންކުރުމެއް ނެތި ކުލި ކޮޑަކޮށް، 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އިތުރު ފަސް އަހަރަށް ކޮންޓްރެކްޓް އާކޮށްފައިވާ ކަމަށެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ހުޅުދޫއާ މިހާރު ގުޅާލާފައި އޮތް މާފުށީގެ ހޭޅިފަށުން ރުއްގަނޑު ކުއްޔަށް ދިނުމުގައި ވެސް އިބްރާހީމް ދީދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެތަން ކުއްޔަށް ދިނުމަށް އަގު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަހު ކުއްޔަށް 777ރ. ހުށަހެޅި ފަރާތް ބިޑް ކާމިޔާބުކޮށްފައި ވަނިކޮށް 300ރ.ގެ ކުއްޔެއް ހުށަހެޅި ފަރާތަށް އެ ތަން ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ތަން ކުއްޔަށް ދިނުމަށް އިއުލާންކޮށްފައި ވަނީ އޭނާ މަގާމާ ހަވާލުވުމުގެ ކުރިންނެވެ. ނަމަވެސް މަގާމާ ހަވާލުވުމަށް ފަހު ބިޑްތައް ކެންސަލްކޮށް، ބޭނުންވާ ފަރާތަށް ކުޑަ ކުއްޔެއްގައި އެތަން ކުއްޔަށް ދީފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލަތަކުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫ އަވަށު ބޯޑުގެ ވަގުތީ ރައީސްގެ މަގާމުގައި އިބްރާހީމް ދީދީ ހުންނެވި އިރު ހުޅުދޫ އިޖުތިމާއީ ސަރަހައްދުން ވެސް އިއުލާންކު ރުމެއް ނެތި މީހަކަށް ގޯތި ދީފައިވާކަން އެނގޭ ކަމަށެވެ.