Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ގައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް އަނިޔާ ލިބޭ: ސީޕީ މުނާޒު

ޖަލުތަކުގެ ވެރިޔާ އަބްދުﷲ މުނާޒު --- ފޮޓޯ / ސަން

ޖަލުގައި ބަންދު ކުރެވޭ ގައިދީންގެ ފަރާތުން ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންނަށް އަނިޔާ ލިބެމުން އަންނަ ކަމަށް ޖަލުތަކުގެ ވެރިޔާ އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.

މުނާޒު މިފަދައިން ވިދާޅުވެފައި މިވަނީ މާފުށި ޖަލުގައި ގައިދީންނާއި އޮފިސަރުންތަކާއި މެދު ހަމަނުޖެހުން ހިންގާފައި ވަނިކޮށެވެ.

މުނާޒު ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ފަރާތުން ކަރެކްޝަންސްގެ އޮފިސަރުންނަށް އެކިއެކި ގޯނާ ކުރަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރާ މީހުންނަށް ހެޔޮ ވިސްނައިދީ އިސްލާހުކޮށް ރެހިބިލިޓޭޓުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރެ އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަކީ ކަރެކްޝަންސް މުވައްޒަފުންގެ އަމާޒު ކަމަށެވެ.

އޭނާ ވިދާޅުވީ ކަރެކްޝަންސް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ވެސް ކެތްތެރިކަމާއި އެކު އަޅަމުން ގެންދާނެ ކަމަށެވެ.

މުނާޒު މިފަދައިން ވިދާޅުވިއިރުވެސް މާފުށި ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމެއް ނުވަތަ ނޫން ކަމަށްވެސް ސާފުކޮށެއް ނުދެއްވައެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި، ޖަލު އޮފިސަރުންގެ ގަޔަށް ލޮނުމިރުސް ފެން ޖަހާ ހަމަނުޖެހުން އިއްޔެ ވަނީ ހިނގާފައެވެ. މި ހަމަނުޖެހުން ހިނގާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރިމީހަކު، އޭނާ ބަހައްޓާފައި ހުރި ގޮޅިން ބޭސް ދިނުމަށް ނެރުނު ވަގުތުއެވެ. އަދި އޭނާ ޖަލު އޮފިސަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ ޖަލު އޮފިސަރަކު އޭނާ އަށް ހަމަލާދީފައިވާ ކަމަށްވެސް އެނގިފައިވެއެވެ. މައްސަލަ ހޫނުވީ އޮފިސަރު ގައިދީ ގައިގައި ޖެހުމުން ކަމަށްވެސް އެނގިފައިވެއެވެ.

މާފުށި ޖަލުގެ މި ހަމަނުޖެހުންތަކާއި ގުޅިގެން ކަރެޝްޝަންސްގެ މީޑިއާ އޮފިސަރަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ ކަރެކްޝަންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.