Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ފިލި މައްސަލާގައި އަދީބު ހުކުމް ތަންފީޒުކޮށް ނިމިއްޖެ

އަހުމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފިލުމަށް މަސައްކަތް ކުރުމުން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް ކޯޓުން ކޮށްފައިވާ ބަންދު އަމުރެއް ތަންފީޒު ކުރަން ފަށާނެ ކަމަށް އަދީބުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

އަދީބު ރާއްޖެއިން ފިލުމަށް މަސައްކަތް ކުރީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހާއި އެކުގައި އެއްބަސްވުމެއް އެކުލަވާލުމަށްފަހު އެ އެއްބަސްވުމަށް އިހްތިރާމް ނުކޮށް އަދީބު ފިލުމަށް މަސައްކަތް ކުރީ ޓަގު ބޯޓެއްގައެވެ. އޭނާ މަސައްކަތް ކުރީ ޓަގު ބޯޓުން އިންޑިއާއަށް އެތެރެވުމަށެވެ. އެހެންނަމަވެސް އޭނާ ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެންމެ ފުރަތަމަ އަދީބު ހައްޔަރުކުރީ އިންޑިއާ ފުލުހުންނެވެ. އޭގެފަހުން ދިވެހި ފުލުހުންނާއި އޭނާ ހަވާލުކުރިއެވެ. އަދިި ފިލި މައްސަލާގައި ކޯޓުގައި އަދީބު ވަނީ އެކަމަށް އިއުތިރާފުވެފައެވެ.

ރާއްޖެއިން އަދީބު ފިލުމަށް މަސައްކަތް ކުރުމުން އޭނާއަށް ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު ކޮށްފައެވެ. މަހްފޫޒު ވިދާޅުވާ ގޮތުގައި އަދީބުގެ އެ ހުކުމް ރޭ 12:00އަށް ވަނީ ހަމަވެފައެވެ. އެހެންނަމަވެސް ހިޔާނާތުގެ މައްސަލަތަކަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެހުކުމްތައް ބާތިލު ކޮށްފައެވެ. އޭގެފަހުން އަދީބަށް ދައުލަތުން ކޮށްފައިވަނީ ހަތް ދައުވާއެކެވެ.

އަދީބު އަންނަނީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އެއް ހިޔާނާތް އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.