Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ގެއްލިގެން ހޯދާ ނަސްރުﷲ ވެސް ޑިންގީވެސް ނުފެނޭ: އެމްއެންޑީއެފް

އެކްސިޑެންޓް ހިނގި ކަމަށް ބެލެވޭ ސަރަހައްދު

ބ.ދަަރަވަންދޫ އިން ފުރައިގެންދިޔަ ޑިންގީއަކާއި އޭދަފުށީ ލޯންޗެއް ޖެހި ހިނގި އެކްސިޓެންޑްގައި ކަނޑަށް ވެއްޓި ގެއްލުނު ބ. އޭދަފުށީ، މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ (41އ) ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާ ކަމަށާއި އެހެންނަމަވެސް އަދިވެސް އޭނާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 19:07 ހާއިރު ބ.ދޮންފަނު ކައިރިން މި އެކްސިޑެންޓު ހިނގިއިރު ޑިންގީގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާއިރު އަނެއް ތިން މީހުން ވަނީ އެކްސިޑެންޓުވި ލޯންޗަށް ނަގާފައެވެ. މި ހާދިސާގައި ޑިންގީ ވެސް ވަނީ އަޑިއަށް ގޮސްފައެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ދިން އެންމެ ފަހުގެ މައުލޫމާތުގައި ބުނީ ނަސްރުﷲ ވެސް ނުފެންނަ ކަމަށާއި އަދި ޑިންގީވެސް ނުފެންނަ ކަމަށެވެ. އަދި ނަސްރުﷲ ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަން ހުއްޓާ ނުލާ ކުރިޔަށް ގެންދާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން އިއްޔެ އެމްއެންޑީއެފްގެ ކޯސްޓުގާޑުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަޙްމަދު މުޖުތަބާ މުޙައްމަދު މިއަދު ވިދާޅުވީ ނަސްރުﷲ ހޯދުމަށްޓަކާ ކަނޑުއަޑިންނާއި، ކަނޑުމަތިން އަދި ވައިގެ މަގު ހިމެނޭހެން އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށާއި އެގޮތުން ހެލިކޮޕްޓަރަކުން މީހާ ފެނޭތޯ ބަލަން 120 ނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ބަލަމުން ގެންދާނެ ކަމަށެވެ.

ނަމަވެސް މި މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި އެކްސިޑެންޓު ހިނގީ ސީދާ ކޮން ސަރަޙައްދަކުންކަން ނޭނގޭތީ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.