Last Updated: March 28, 13:31
Thursday, March 28, 2024
ކުޅިވަރު

ޒެފިޔާ ބަލިކޮށް ކްލަބް ރިވެރިން ސެމީ އަށް

5-2 އިން ޒެފިޔާ ބަލިކޮށް އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ސެމީފައިނަލަށް ކްލަބް ރިވެރިން ދަތުރުކޮށްފިއެވެ.

ކްލަބް ރިވެރިން މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކުއެވެ. ޒެފިޔާ މުބާރާތް ނިންމާލާފައިވަނީ ޕޮއިންޓެއް ނުލިބިއެވެ. މި ގްރޫޕުން ސެމީއަށް ދެން ދަތުރުކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓު ހޯދާފައިވާ ފޭދޫ ސްޕޯޓްސް އެވެ.

މިއަދުގެ މެޗުގައި ކްލަބް ރިވެރިން އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ހަސަން އަލްފާފް ވަނީ ހެޓްރިކެއް ހަދާފައެވެ. ރިވެރިންގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ހަސަން އައިކް އާއި އަހުމަދު ދާނިޝްއެވެ. މި މެޗުގައި ޒެފިޔާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އީމާން ނަޒީރުގެ އިތުރުން މުހައްމަދު އިމްޝާލްއެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބޭރުމަތި އެފްސީ އާއި މުލިމަތި ޔުނައިޓެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.