Last Updated: April 25, 08:46
Thursday, April 25, 2024
ޚަބަރު

އިރާގުގައި އެމެރިކާގެ ބޭސްއަކަށް ރޮކެޓު ހަމަލާ ދީފި

އިރާގުގައި ހުންނަ އެމެރިކާ ސިފައިން ގާއިމްވެފައި ތިބި އަސްކަރީ ސަރަހައްދަކަށް ރޮކެޓް ހަމަލާއެއް ދީފިއެވެ.

އޭއެފްޕީ އިން ދާދި ދެންމެއަކު ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަލާގައި އެ ބޭސް ކައިރިއަށް ވަނީ ދެ ރޮކެޓު އަމާޒުވެފައެވެ. އިރާގު ސިފައިން އެސަރަހައްދުގައި ހަރަކާތްތެރި ނުވުމަށް އިރާގު ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމެރިކާ ސިފައިން ތިބި ސަރަހައްދަކަށް ރޮކެޓު ހަމަލާތަކެއް އަމާޒުވެފައިވާއިރު ސިފައިންގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަށް އެމެރިކާ އިން އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް އާންމުންގެ 5 މީހަކަށް އަނިޔާވެފައިވާ ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ ނޫސް އެޖެންސީތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިރާގުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވަނީ މާދަމާ އިން ފެށިގެން އެމެރިކާ ސިފައިން ތިބި ސަރަހައްދުތަކާ އެއް ހާސް މީޓަރު ކައިރިއަށް ނުދިއުމަށް އިރާގު ސިފައިންނަށް އަންގާފައެވެ.

އެމެރިކާ އަސްކަރިއްޔާ އަށް ހަމަލާއެއް އަމާޒުވެފައި މިވަނީ އިރާގުގައި، އިރާނު އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ ގާސިމް ސުލައިމާނީ، އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މަރާލާފައިވަނިކޮށެވެ.

ގާސިމް ސުލައިމާނީގެ މަރުގެ ބަދަލު ހިތި ގޮތަކަށް ހިފާނެ ކަމަށް އިރާނުން ބުނެފައިވާއިރު، އެމެރިކާ އިން ބުނެފައިވަނީ ސުލައިމާނީ އަކީ އެމެރިކާގެ 603 ސެކިއުރިޓީ އޮފިސަރުން މަރާލުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތެއް ކަމަށާއި އޭނާ މަރާލީ އެމެރިކާއަށް ހަމަލާތަކެއް ރާވާ ކަމުގެ ތުހުމަތުގައި ކަމަށް ބުނެފައެވެ.

އިތުރު ތަފްސީލު އަންނަނީ..