Last Updated: April 26, 23:00
Friday, April 26, 2024
ދުނިޔެ

އޮސްޓްރޭލިޔާގެ އުޑުމަތި ގަދަ ރަތަށް

އޮސްޓްރޭލިޔާ ގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އިތުރަށް ގަދަ ވަމުން އަންނައިރު ބައެއް ހިސާބުތަކުގެ އުޑުމަތި ގަދަ ރަތް ކުލައަށް ބަދަލުވެއްޖެއެވެ.

އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނިއު ސައުތް ވޭލްސް ސަރަހައްދަށެވެ. މަގުތައް އަމާންވެ ގެދޮރު ހުސްވެފައިވާ އެސަރަހައްދުން މިހާރު ވަނީ މީހުން ހުސްކޮށްފައެވެ. ގާތްގަނޑަކަށް 30 ކިލޯމީޓަރަށް އުޑު ވަނީ މި ހިސާބުގައި ގަދަ ރަތް ކުލައަށް ބަދަލުވެފައެވެ.

މިހާތަނަށް 500 މިލިއަން ޖަނަވާރުންނަށް އަލިފާނުގެ އަސަރުކޮށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގަދަ އަލިފާނުގައި ޖެހި އަނދައިގެން މަރުވެފައިވާ ޖަނަވާރުންނާއި ދުމުގެ އަސަރުން ކެތް ނުކުރެވިގެން ވެސް އެތައް ހާސް ޖަނަވާރުންނެއް ވަނީ މަރުވެފައެވެ.

އެކި ހިސާބުގައި 150 ހުޅުގަނޑު ރޯވެފައިވާއިރު 64 ކޮންޓްރޯލް ނުކުރެވި އޮތް ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ. މިހާތަނަށް 23 މީހަކު އަލިފާނުގެ ސަބަބުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަލިފާން ކޮންޓްރޯލް ކުރުމުގައި 2،300 ފަޔާފައިޓަރުން ރެއާ ދުވާލު ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ.

އަލިފާން ރޯވެފައިވަނީ މިދުވަސްވަރަކީ އޮސްޓްރޭލިޔާ އަށް ހޫނު މޫސުން ކަމަށް ވާއިރު ދުނިޔެމަތި ހޫނުވުމުގެ ސަބަބުންނެވެ. އަލިފާންގަނޑު ފެތުރިގެން ދިޔައީ ވައި ހުރި ގޮތުން ކަމަށާއި އަދިވެސް ކޮންޓްރޯލް ކުރަން ދަތިވަނީ އޭގެ ސަބަބުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.