މިއަހަރުގެ ރަމަޟާން މަހު ރާއްޖެއަށް ގެންނަ ބޭރުގެ ހާފިޒުންނަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެގަތުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މިގޮތަށް މަޝްވަރާކުރީ ނޭޝަނަލް ކައުޓާ ޓެރެރިޒަމް ސެންޓަރުގެ ފަރާތުން ބޭއްވި ކައުންޓާ ރެޑިކަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި 1441 ވަނަ އަހަރު ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނެ ހާފިޒުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް މިހާރު އަމަލުކުރަމުންދާ އުސޫލު ހަރުދަނާކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މައުލޫމާތުދެއެވެ.
ކައުންޓާ ޓެރަރިޒަމް ސެންޓަރުން މައުލޫމާތުދޭ ގޮތުގައި އެ ބައްދަލުވުމުގައި ރާއްޖެއަށް ގެނެވޭ ހާފިޒުންނަކީ، "ކަމަށް އެކަށީގެންވާ، ރާއްޖޭގަ އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުޞޫލުތަކަށް ތަބާވާ، ރަނގަޅު ބައެއްތޯ" ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އެ ސެންޓަރުން މައުލޫމާތުދޭ ގޮތުގައި ރާއްޖެއިން ބޭރުން ގެނެވޭ ހާފިޒުންގެ ކަންކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެގޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއް ކަނޑައަޅާފައިވާ ކަމަށެވެ. އެކޮމިޓީގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީއާ ހޯމް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ އަދި އެމްއެންޑީއެފް އަދި ފުލުހުންނެވެ. މީގެއިތުރުން މޯލްޑިވްސް އިމިގްރޭޝަން އަދި ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު ހިމެނެއެވެ.
ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނީ އަލަށް އެކުލަވައިލެވޭ އުސޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލްތަކާއި، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ހާފިޒުން ބެލެހެއްޓޭނެ އުސޫލަކާމެދުގައި މަޝްވަރާކުރެވުނު ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ތިއްބެވި ހާފިޒުންނަށް އިމާވުވެ ތަރާވީހު ނަމާދު ކުރެވޭނެ ފުރުސަތު އިތުރުކޮށް އެ ހާފިޒުން ބޭނުންކުރެވޭނެ ގޮތްތަކާމެދު ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.