Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ގްރޫޕްގެ ފަހު މެޗުން ވެސް ބޭރުމަތި މޮޅުވެއްޖެ

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ވެސް ބޭރުމަތި އެފްސީ މޮޅުވެއްޖެއެވެ.

ގްރޫޕް އޭގެ ފަހު މެޗުން ބޭރުމަތި މޮޅުވީ އިއްޔެ ހަވީރު މުލިމަތި ޔުނައިޓެޑާ ބައްދަލުކޮށް 3-0 އިންނެވެ.

އިއްޔެގެ މެޗަށް ނިކުތްއިރު ވެސް ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ ބޭރުމަތި ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރީ ގޯދިއްޔާއެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ބޭރުމަތި ޓީމުގެ ފުރަތަމަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އިބްރާހިމް ސިރާޖެވެ. އަނެއް ދެ ގޯލު ބޭރުމަތި ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަބީބު އާއި މުހައްމަދު ޒަހުވާންއެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ރިވެރިން އާއި ފޭދޫ ސްޕޯޓްސްއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.