Last Updated: July 1, 04:05
Tuesday, June 30, 2026
ރިޕޯޓް

އަންނިގެ ރަނިންމޭޓަކަށް ޑރ. މުސްޠަފާ ލުޠުފީ!

އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް ޑރ. މުސްޠަފާ ލުޠުފީ ހަމަޖައްސަވައިފިއެވެ.

ސައުދީއަށް ވަޑައިގަތުމަށް ވިސާ ނުލިބިގެން ލަންކާ އަދި މެލޭޝިއާގައި އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށްފަހު އިއްޔެ މާލެ ވަޑައިގަތުމުން ނޫސްވެރިއަކު ވަނީ ނަޝީދު ގާތު ރަނިންމެޓުގެ ސުވާލު ކޮށްފައެވެ.

ނަޝީދު ވިދާޅުވީ ރަނިންމެޓަކަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ. ނަމަވެސް ނަމެއް ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ އިސްބޭފުޅަކު ވިދާޅުވީ ޑރ. މުސްޠަފާ ލުޠުފީއަށް ރަނިންމޭޓު ކަން ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިޢާގައި އެމްޑީޕީގެ ބައެއް ބޭފުޅުން މުސްޠަފާއަށް މަރުހަބާ ދަންނަވަމުން އެބަ ގެންދެއެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު އައްޑޫއަށް ވަޑައިގެން ވިދާޅުވެފައިވަނީ އެމަނިކުފާންގެ ރަނިން މޭޓަކަށް ބޭފުޅަކު ނަންގަވާނީ އައްޑޫއަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން ރަނިންމޭޓަކަށް ހަމަޖައްސަވާނެ ބޭފުޅަކާއި މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ތަފާތު ގޮތްތަކަށް ވާހަކަ ދެކެވިފައެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫލްގެ ނައިބް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު އަސްލަމްގެ އިތުރުން ކުރީގެ އަދާލަތު ޕާތީގެ ރައީސް ހުސެއިން ރަޝީދު އަހުމަދު ހިމެނިވަޑައިގަންނަވައެވެ.

އަދި ދާދި ފަހުންވަނީ އެމްޑީޕީ ސަރުކާރުގައި މާލެ ސަރަހައްދުގެ ކޮމާންޑަރަކަށް ހުންނެވި ރިޓާޔަޑް ބުރިގޭޑިއާ އިބްރާހިމް ދީދީ ރަނިންމޭޓަކަށް ހަމަޖެެއްސެވި ކަމަށް ވާހަކަ ފެތުރިފައެވެ.

އެމްޑީޕީން ބުނެފައިވަނީ ރަނިންމޭޓު އިއްލާން ކުރުމުގެ ރަސްމިއްޔާތު އެހާ ބޮޑު ކޮށް ނުގެންދަވާނެކަމަށެވެ. ނަމަވެސް މާދަމާ ރޭ ރަނިންމޭޓު އިއްލާން ކުރުމަށް އެމްޑީޕީން ޖަލްސާއެއް ބާވާނެއެވެ.

އެމްޑީޕީ ސަރުކާރުގެ ޔުނިވާސިޓީ ޗާންސެލާރގެ މަގާމުގައި ހުންނެވި ޑރ. މުސްޠަފާ ލުޠުފީއަކީ މިފާއިތުވި ދުވަސްވަރު އެއްވެސް ކަހަލަ ވަރުބަލިކަމެއް ނެތި އެމްޑީޕީގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅާއެވެ. އަދި އައްޑޫގައި އެމްޑީޕީން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތުގެ ވިލަރެސް ވެރިއާއެވެ.

ހިތަދޫ، ބަހާރުގެ އަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. މުސްޠަފާ ލުޠުފީ އަކީ މިހާރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީން ސިޔާސީ ދާއިރާއަށް ނިކުންނެވި ބޭފުޅެކެވެ.