Last Updated: April 20, 16:27
Saturday, April 20, 2024
ކުޅިވަރު

އެސްއޭޖީގައި ރާއްޖެ ތަމްސީލްކުރި ކުޅުންތެރިންނާ ރައީސް ބައްދަލުކުރައްވައިިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް, ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ އޮފިޝަލުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމް އަދި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލުންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޓީމުތަކުން މި މުބާރާތުގައި ދެއްކި ހިތްވަރާ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ.

އަދި މި މުބާރާތުގައި ދިވެހި ޓީމުތަކުން ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ޝަރަފެއްކަން ފާހަގަކުރައްވައި ކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ވަކިކުޅިވަރެއް ތަފާތުކުރުމެއްނެތި ވަޞީލަތްތައް ޤާއިމުކުރުމާއި މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފު ވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކުގެ ބައެއް ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ.

ނޭޕާލުގައި މިދިޔަ މަހު ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމުން ވަނީ ލޯ މެޑެލް ޙާޞިލުކޮށްފައެވެ.