Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސާވިސް ޗާޖަށް މަކަރު ހަދަނީ މަދު ބަޔަކު: މަޓީ

ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދިނުމުގައި މަކަރެއް ނަހަދާ ކަމަށާއި އެކަން ކުރަނީ މަދު ބަޔެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެތައް ރިސޯޓުތަކެއް ހިންގާ މަހުޖަނުން ހިމެނޭ މަޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާވިސް ޗާޖު ގަވާއިދާ އެއްގޮތަށް އަމަލުނުކުރަނީ މަދު ބަޔެއް ކަމަށެވެ.

ޓޫރިޒަމް ދާއިރާއަކީ މުޅި ރާއްޖެ ޝާމިލްވާ، ރާއްޖެ އެއަށް އެންމެ ބޮޑަށް ބަރޯސާ ވާ ދާއިރާ ކަމަށް ވާއިރު، އެއްވެސް ބަޔަކު ގަވާއިދާ ޚިލާފަށް މަސައްކަތް ނުކުރުމަށް މަޓީއިން މިބަޔާނުގައި ގޮވާލާފައިވެއެވެ. ސާވިސް ޗާޖު ދިނުމުގައި ވެސް، ވަކި މިންގަނޑުތަކެއް ކަނޑައެޅި ގަވާއިދުތަކެއް ހެދިފައި އޮންނަ އިރު ހުރިހާ ފަރާތްތަކުން ވެސް ގަވާއިދަށް ބޯލެނބުމަށް ވެސް ގޮވާލާފައިވެއެވެ.

އަދި އެއާއެކު ރާއްޖޭގައި ތިބި ރިސޯޓުތަކަކީ އެކި ފަންތީގެ އަދި އެކި ގިންތީގެ ރިސޯޓުތައް ކަމަށާއި، އެކި ރިސޯޓުތަކަށް އާމްދަނީ ލިބުމުގައި ވެސް ތަފާތުތައް ހުންނާނެ ކަމަށް މަޓީން ބުންޏެވެ. ސާވިސް ޗާޖު ދެނީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މިންވަރަށް ވެސް ބެލުމަށް ފަހު ކަމަށާއި ލިބޭ އާމްދަނީ އަށް ވެސް ބެލުމަށް ފަހު ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ރިސޯޓުތައް ދިފާއުކޮށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވާހަކަ ދެއްކެވުމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ ދިވެހީން ވަނީ މިނިސްޓަރަށް ފާޑުވިދާޅުވެފައެވެ. އޭގެ ސަބަބުން އަލީ ވަހީދު ވަނީ ފަހުން މައާފަށް ވެސް އެދިވަޑައިގެންފައެވެ.