Last Updated: March 28, 21:43
Thursday, March 28, 2024
ކުޅިވަރު

ރާއްޖެ އަށް ގޮލްފް ކުޅެން އައުމުގެ ދައުވަތު ގާޑިޔޯލާ އަށް ދީފި

ގޮލްފް ކުޅެން ރާއްޖެ އަށް އައުމުގެ ދައުވަތު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ އަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނުން (އެމްއެމްޕީއާރްސީ) ދީފިއެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިޔޯލާ ވަނީ ސިޓީއަށް ކޯޗުކޮށްދިނުމަށްފަހު ވާދަވެރި ޔުނައިޓެޑަށް ކޯޗުކޮށްނުދޭނެ ކަމަށާއި އެގޮތުން އެއްވެސް ކްލަބަކުން ހުށަހެޅުމެއް ނުލިބިއްޖެނަމަ ދެން އަންނާނީ ޗުއްޓީ އަށް ރާއްޖެ އަށް ކަމަށް ބުނެފައެވެ.

"އަހަންނަށް އެއްވެސް އޮފާއެއް ލިބިފައިނެތިއްޔާ އަހަރެން ހުންނާނީ ދިވެހިރާއްޖޭގައި. ފަހަރެއްގައި ރާއްޖޭގައެއް ނޫން އެއީ އެތަނުގައި ގޮލްފް ކޯހެއް ނޯންނާތީ. އެކަމަކު ސިޓީގައި މަސައްކަތްކުރުމަށް ފަހު އަހަރެން ޔުނައިޓެޑުގައި މަސައްކަތް ނުކުރާނަން. ރެއާލް މެޑްރިޑުގައި ވެސް މަސައްކަތްނުކުރާނެ ބީދައިން" ގާޑިޔޯލާ ބުންޏެވެ.

ގާޑިޔޯލާގެ މި ވާހަކަތަކާ ގުޅިގެން އެމްއެމްޕީއާރްސީން މިއަދު ވަނީ ގޯލްފް ކުޅެން ރާއްޖެ އަންނަން އޭނާ އަށް ދައުވަތު އަރުވާފައެވެ.

ގާޑިއޯލާ ވަނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ރެއާލްގެ ވާދަވެރި ބާސެލޯނާގައި ހޭދަކޮށްފައެވެ. ހުރިހާ ކުލަބު މުބާރާތެއް ގާޑިއޯލާ ވަނީ ބާސާއެކު ކާމިޔާބުކޮށްފައެވެ.

ކާމިޔާބު ދެ ސީޒަން ސިޓީގައި ހޭދަކޮށްފައިވާ ގާޑިއޯލާ ވަނީ ޖެހިޖެހިގެން ދެ ޕްރިމިއާ ލީގު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.