Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

މައުލޫމާތު ބަދަލުވާ މީހުންގެ އައިޑީކާޑު ހެދުން ކައުންސިލް އިންތިހާބަށް މެދުކަނޑާލަނީ

ވޯޓުލުމަށްޓަކައި ބަޔަކު މީހުން ކިއު ހަދާފައި -- ފޮޓޯ / އަވަސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްޓަކައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ނިންމައިފިއެވެ.

މިކަން މިގޮތަށް ކުރުމަށް ޑީއެންއާރުން ނިންމީ ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށެވެ. ޑީއެންއާރުން ބުނާ ގޮތުގައި 18 އަހަރުން މަތީ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ މި މަހުގެ 15 ވާ ބުދަ ދުވަހުގެ ކުރިން އައިޑީ ކާޑު ހެއްދުމަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ޖެހިގެން އަންނަ 16ވަނަ ދުވަހު 18 އަހަރު ފުރިފައިވާ އެންމެހާ ފަރާތްތަކުގެ އައިޑީކާޑު ހެއްދުން މެދުކަނޑާލާނެއެވެ.

ޑީއެންއާރުން ބުނީ އެގޮތަށް އެކަން ކުރުމުން ކައުންސިލް އިންތިހާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދިޔުން ކުޑަވެގެން ދާނެއެވެ.

ނަަމަވެސް ކައުންސިލް އިންތިހާބަށްފަހު 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހެއްދުމުގެ ފުރުސަތު އަލުން ފަށާނެއެވެ.

އިލެކްޝަންސް އިން ބުނީ އެ ތާރީހަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.